Last Updated: April 23, 14:49
Tuesday, April 23, 2024
ދުނިޔެ

ކޮވިޑަށް ފަރުވާދޭ ހޮސްޕިޓަލެއްގައި ރޯވެ 23 މަރު

އިރާގުގެ ވެރިރަށް ބަޣުދާދުގައި ކޮވިޑް-19 އަށް ފަރުވާދިނުމަށް ހާއްސަކޮށްފައިވާ ހޮސްޕިޓަލުގައި ރޯވެ 23 މީހުން މަރުވެއްޖެއެވެ.

އިބްނު ހަތީބް ހޮސްޕިޓަލުގައި ރޭ ހިނގި މި އަލިފާނުގެ ހާދިސާގައި ގިނަ ބަޔަކަށް އަނިޔާވެފައިވާއިރު، މި ހާދިސާ ހިނގީ އޮކްސިޖަން ޓޭންކެއް ގޮވުމާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާ ހިނގިއިރު އެ ހޮސްޕިޓަލުގެ އައިސީޔޫގައި 30 މީހަކު އެޑްމިޓްކޮށްފައި ތިބިއިރު، އަނިޔާ ލިބުނު ފަރާތްތަކާއި އަދި އެ ހޮސްޕިޓަލުގެ އެހެން ޕޭޝަންޓުން އިރާގުގެ ބައެއް އެހެން ހޮސްޕިޓަލުތަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލް ކަދީމީ ވަނީ މި ހާދިސާއާ ގުޅޭ ތަހުގީގެއް ވަގުތުން ފެށުމަށް ކަމާބެހޭ ފަރާތްތަކަށް އަމުރުކުރައްވާފައެވެ.

މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އިރާގުގައި ކޮވިޑް ކޭސްތައް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިދިޔަ ހަފްތާގައި އެގައުމުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިލިއަނަކަށް އަރާފައިވާއިރު މި ބަލީގައި އެގައުމުން ވަނީ 15،217 މީހުން މަރުވެފައެވެ.