Last Updated: March 28, 19:01
Thursday, March 28, 2024
ވިޔަފާރި

ބީއެމްއެލްގެ އެހީގައި ހޯނޑެއްދޫގައި ނޭޗަރ ޕާކެއް

ބޭންކް އޮފް މޯލްޑިވްސްގެ އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑުގެ ދަށުން ގދ. ހޯނޑެއްދޫގައި ނޭޗަރ ޕާކެއް ތަރައްގީކޮށްފިއެވެ.

ހޯނޑެއްދޫގެ އިރު އުތުރު ޗަސްބިން ސަރަހައްދުގައި ދިގެމައްކޮޑަ ގެ ނަމުން ނަންދެވިފައިވާ މި ނޭޗަރ ޕާކް ވަނީ މިއަދު ހުޅުވާފައެވެ. މި ޕްރޮޖެކްޓް ހިންގާފައިވަނީ ހޯނޑެއްދޫ ސްޕޯޓްސް އިންނެވެ.

ބީއެމްއެލް އިން ބުނީ މިއީ މި ސަރަހައްދުގެ ޤުދުރަތީ ރީތިކަން ޢާއްމުންނަށް ފަސޭހައިން ބަލާލައި ހިތްހަމަޖައްސާލާނެ މާޙައުލެއް ޤާއިމްކޮށްދިނުމުގެ އިތުރުން މިފަދަ ގުދުރަތީ ރީތިކަން އަންނަން އޮތް ޖީލުތަކާ ހަމަޔަށް ރައްކާތެރިކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ މަގްސަދުގައި ހިންގުނު ޕްރޮޖެކްޓެއް ކަމަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން ވަނީ މި ސަރަހައްދުގައި 85 ފޫޓުގެ ދިގު ވޯކްވޭއެއްގެ އިތުރުން ވިއުވިންގ ޕްލެޓްފޯމެއް ގާއިމްކޮށްފައެވެ. މީގެ އިތުރުން މި ސަރަހައްދުގައި ބެންޗް ބަހައްޓައި، ބާބަކިއު ހެދޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. މި ސަރަހައްދުގައި ވަނީ މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކޮށް، މި ސަރަހައްދަށް ޖަމާވާ ކުނި ނައްތާލުމަށް ޑަސްބިން ބަހައްޓާފައެވެ. އަދި ވަކިން ހާއްސަކޮށް މި ސަރަހައްދުވަނީ އިތުރަށް ފެހިވެސް ކޮށްފައެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.