Last Updated: April 19, 22:45
Friday, April 19, 2024
ދުނިޔެ

ބެންގަލޫރު 14 ދުވަހަށް ލޮކްޑައުން ކުރަނީ

ކޯވިޑް-19ގެ ޙާލަތު ގޯސްވެ، ބެންގަލޫރު ލޮކްޑައުން ކުރުމަށް ނިންމައިފިއެވެ.

ކޮވިޑްގެ ހާލަތު އިންޑިއާގައި ވަރަށް ބޮޑަށް ގޯސްވެފައިވާއިރު 12 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބެންގަލޫރުން އިއްޔެ ވަނީ 20،000 އަށް ވުރެ ކޮވިޑް ކޭސް ރިޕޯޓުކޮށްފައެވެ. ބެންގަލޫރު އަކީ އިންޑިއާގެ ވެރިރަށް ނިއުދިއްލީ ނެގުމަށްފަހު ދުވާލެއްގެ މައްޗަށް އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ ކޭސްތައް ފެންނަމުންދާ ސިޓީއެވެ.

ބެންގަލޫރުގެ އިތުރުން ކަރުނާޓަކާ ސްޓޭޓް ވެސް ލޮކްޑައުން ކުރަން ނިންމާފައިވާއިރު، ކަރުނާޓަކާގެ ސަރުކާރުން ބުނީ މާދަމާ އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް ބެންގަލޫރު ފުރަބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެ މުއްދަތުގައި ޒަރޫރީ ސާމާނު ވިއްކާ ފިހާރަތައް ނޫން އެހެން ހުރިހާ ވިޔަފާރިތައް ބަންދުކުރަންޖެހޭނެ ކަމަށެވެ.

ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަން ހުޅުވާފައި ބެހެއްޓުމުގެ ޙުއްދަ ދޭނީ ހެނދުނު 6 އިން 10 އަށް ކަމަށާއި އަދި އާންމު ދަތުރުފަތުރުގެ ނިޒާމު ވެސް މެދުކަނޑާލަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

ބެންގަލޫރުގެ އިތުރުން ކޮވިޑްގެ ހާލަތާއި ގުޅިގެން އިންޑިއާގެ އެހެން ބައެއް ސިޓީތަކުގައި ވެސް އަންނަނީ ކާފިއުތައް ހިންގަމުންނެވެ.