Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

އަޅުގަނޑުމެން އެދޭ ބަދަލު ހޯދާނީ ހައި ސްޕީޑުގައި: ނަޝީދު

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖެ އަށް ގެންނަން ބޭނުންވާ ބަދަލު ހޯދާނީ ހައި ސްޕީޑުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ނ. އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލް ހަރަކާތްކުރާނެ ގޮތުގެ މަޝްވަރާ ބައްދަލުވުން ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން ނަޝީދު ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން ނ.އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅެއްގައި ރާއްޖެ ބަދަލަކާއި ދިމާލަށް މިސްރާބު ޖަހާފައިވާ ކަމާއި، ޒަމާނުއްސުރެން ފަށައިގެން ރާއްޖޭގައި ވެރިކަން ކުރި ގޮތާއި އަދި އެ ވެރިކަން ކުރި މީހުން ބަދަލުވުމާ ދިމާލަށް ދަތުރުކުރާ ވާހަކަ ދެންނެވި ކަމަށެވެ.

އެގޮތުން އެ ވާހަކަތައް ދެއްކިތާ 12 ވަރަކަށް އަހަރުފަހުން މިހާރު ހުއްޓި މިހުރީ އޭރު ދެންނެވި ބަދަލުވެފައިވާ ދިވެހިރާއްޖޭގައި ކަމަށާއި އެމަނިކުފާނުގެ ހަޔާތުގައި އެ ރާއްޖެ އަށް ދެވި އަދި އެ ބަދަލު ފެންނާތީ އުފާކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ބައެއްގެ ހަޔާތުގައި ބޮޑު ބަދަލެއް އައިސް ނިމޭތަން ގިނަ މީހުންނަކަށް ނުފެންނާނެ. އެހެން ނަމަވެސް ރާއްޖެ ދަތުރުކުރަނީ ހައި ސްޕީޑުގައި. އެ ސްޕީޑުގައި އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއެދޭ ބަދަލު ހޯދޭނެ" ނަޝީދު ވިދާޅުވިއެވެ.

އަދި މީގެ އަހަރުތަކެއް ކުރިން ދިވެހިންނަށް ހައްގުވާ މިންވަރުގެ ވާހަކަ ވެސް ދެއްކެވި ކަމަށާއި ނަމަވެސް އޭގެ 12 އަހަރުފަހުން ވެސް ކުރަންޖެހެނީ އެއް ސުވާލުތަކެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެކި މިތިބީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އިންސާނީ ހައްގުތަކާއި އަދި ބާރުތައް ވަކި ކުރެވި ސިޔާސީ ހަރަކާތް ސުލްހަވެރިކަމާއެކީގައި ހިންގަން ފެށުމުން ގައުމުތައް ދެޔޭ ކުރިއަށް. ޖަމްޕު ޖަހައޭ. ކިހިނެތްހޭ މިވީ، ކޮބާހޭ އަޅުގަނޑުމެންނަށް ދިމާވެގެން މިއުޅޭ މައްސަލައަކީ" ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ހަމަ އިސްކޮޅަށް ދިވެހިން ތެދުވުމަކީ އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަމުން އައި ކަމެއް ކަމަށާއި މިއަދު މުޅި އަތޮޅެއް އެކީގައި ހަމަ އިސްކޮޅަށް ތެދުވާތަން ފެނުމަކީ އުފާކުރައްވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިއަދު ފެންނަމުންދަނީ އިންދި ކުޑަކުޑަ އޮށެއްގެ ސިއްރުން ބޮޑު ބިޔަ ގަހެއް ހެދިގެންދާތަން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.