Last Updated: May 7, 01:22
Thursday, May 6, 2021
ޚަބަރު

ހުރިހާ މަސައްކަތްތެރިންގެ ޙައްޤުތައް ވަނީ ގެއްލިފައި: އިދިކޮޅު

މިއަހަރުގެ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ބައްދަލުކުރިއިރު، ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ މަސައްކަތްތެރިންގެ ޙައްޤުތައް ގެއްލިފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅުވައި އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސް ފާހަގަކުރަމުންދާއިރު އެތައް މަސައްކަތްތެރިންނެއްގެ ވަޒީފާތައް ގެއްލި ނިކަމެތިވެ، މަގުމަތިވެފައިވާ ކަމަށާއި އަދި މަސައްކަތްތެރި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާއަށް އިންސާފު ހޯދައިދިނުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށެވެ.

"ރިޒޯޓުތަކުގައި މަސައްކަތްކުރާ އެތައް މުވައްޒަފުންނެއް އަނބިދަރިން ކާރިއަށް ނުދެވި ވަޒީފާގެ ތަފާތުކުރުންތަކާ ހިތްދަތިކަމާ ކުރިމަތިލާންޖެހިފައެވެ. ރާއްޖޭގެ އިޤްތިސާދުގެ ލޭނާރު ކަމުގައިވާ އެންމެ މަސައްކަތްތެރި މަސްވެރިން ބާނާ މަސް ނުކިރި އެމަހަށް ހަމަ އަގު ނުލިބި މަސްވެރި ޢާއިލާތައްދަނީ ނިކަމެތި ވަމުންނެވެ. ކޯވިޑް 19ގެ ޙާލަތުގައި ރެޔާ ދުވާލު އިސްސަފުގައި މަސައްކަތް ކުރާ ސިއްޙީ އެހީތެރިންނާއި ފަންނީ މުވައްޒަފުންނަށް ޙައްޤު އުޖޫރައެއް ނުލިބެއެވެ" އެ ބަޔާނުގައި ވެއެވެ.

އަދި މިފަދަ ފަރާތްތަކަށް ހަމަހަމަ ކަމާއެކު އިސްސަފުގައި މަސައްކަތް ކުރުމުން ދޭންޖެހޭ އެލަވަންސެއް ވެސް ނުލިބޭ ކަމަށާއި ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތް ކުރަމުންދަނީ ކޮންމެ މަހެއްގެ މުސާރަ ލިބޭނެ ކަމުގެ ޔަޤީންކަމެއް ނެތި ކަމަށްވެސް އިދިކޮޅުން ބުނެއެވެ.

މީގެ އިތުރުންވެސް، ސިޔާސީ ބޭނުމުގައި ސަރުކާރާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ނުޙައްޤުން ވަޒީފާއިން ވަކި ކުރުމާއި، ވަޒީފާއަށް ބަދަލު ގެނައުމާއި ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ވަޒީފާ ދިނުން ފަދަ ޢަމަލުތައް ހިންގަމުން ގެންދާ ކަމަށްވެސް އިދިކޮޅުން ތުހުމަތުކޮށްފައިވެއެވެ.

"މިސަރުކާރު ވެރިކަމަށް އައީ މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ގިނަ ވަޢުދުތަކާއެކުގައެވެ. އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ މަސައްކަތްތެރިންނަށް މިސަރުކާރުން ވެފައިވާ އެންމެ ބޮޑު ވަޢުދެވެ. ނަމަވެސް މިސަރުކާރު ގެ ވެރިކަމަށް ދެއަހަރާ ބައި ވާއިރު އެންމެ ކުޑަ އުޖޫރަ އަދިވެސް ކަނޑަނޭޅިއޮތުމަކީ މިކަން ކުރުމުގައި ސަރުކާރުގެ އިޚްލާސްތެރި ކަމެއް އަދި އަހައްމިއްޔަތު ކަމެއް ނެތްކަމެވެ" އިދިކޮޅުން ބުނެފައިވެއެވެ.

އަދި މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރެވޭއިރު ސަރުކާރުގެ އެކި ލެވެލްތަކުން ނެރުއްވާ ބަޔާންތަކާއި ދައްކަވާ ވާހަކަތަކަށް ޢަމަލީ ސިފައެއް ނުގެނެވޭތީ ކަންބޮޑުވާ ކަމަށާއި ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށް ސަރުކާރުން ވެފައިވާ ވަޢުދުތައް ވީހާވެސް އަވަހަކަށް ފުއްދުމަށް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.