Last Updated: May 7, 00:06
Thursday, May 6, 2021
ޚަބަރު

ފްލައިން ސްކޫލްގެ އިންޖިނިއަރުން އިސްތިއުފާ ދެނީ

އައްޑޫ ފްލައިން ސްކޫލްގެ ބޯޓުތަކެއް

އައްޑޫ ސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލްގެ ގިނަ އަދަދެއްގެ އިންޖިނިއަރުންތަކެއް އިސްތިއުފާ ދޭން ނިންމައިފިއެވެ.

އިތުބާރު ހުރި ގޮތަކަށް "އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސްކޫލްގެ ގިނަ އަދަދެއްގެ އިންޖިނިއަރުންތަކެއް ވަނީ އިސްތިއުފާ ދޭން ނިންމައި އެކަން ސްކޫލަށް ރަސްމީކޮށް މިހާރު އަންގާފައެވެ. އެ ސްކޫލްގައި އިންޖިނިއަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ އިންޑިއާ އާއި ސްރީލަންކާ އަށް ނިސްބަތްވާ ފަރާތްތަކެވެ.

އިންޖިނިއަރުން އިސްތިއުފާ ދޭން ނިންމާފައިވަނީ މުސާރައިގެ މައްސަލަތައް ހައްލުނުވެ ގިނަ ދުވަސްތަކެއް ވުމާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން އިންޖިނިއަރުންނަށް ދެމުން އަންނަނީ މުސާރައިގެ 30 ޕަސެންޓް ކަމަށާއި އަދި މިއަހަރުގެ ފާއިތުވި ދެ މަހު ދީފައިވަނީ މުސާރައިގެ 70 ޕަސެންޓް ކަމަށް މައުލޫމާތު ލިބެއެވެ. އަދި މާޗު މަހުގެ މުސާރަ ދީފައިވަނީ މިދިޔަ މަހުގެ މެދެއްހާ ހިސާބުގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މީގެއިތުރުން މުސާރަ އާއި އެހެނިހެން ކަންކަން ރަނގަޅުކުރަން އިންޖިނިއަރުން ސްކޫލަށް ޑިމާންޑްތަކެއް ވެސް ކޮށްފައިވާއިރު، މީގެތެރެއިން ބައެއް ފަރާތްތައް މިހާރު ވަނީ ރާއްޖޭގެ ބައެއް އެހެން އެއާލައިންތަކުގެ ވަޒީފާ އަށް އެދި ހުށަހަޅާފައެވެ.

މުސާރައިގެ މައްސަލަ އާއި ހެދި ފްލައިން ސްކޫލްގެ އިންޖިނިއަރުންތަކެއް އިސްތިއުފާ ދޭން ނިންމާފައިވާއިރު މުސާރައިގެ މައްސަލައިގައި އެ ސްކޫލްގެ އިންސްޓްރަކްޓަރުން ދާދިފަހުން ވަނީ ހަޅުތާލުކޮށްފައެވެ. އަދި މުސާރަ ނުދޭތީ އެ ސްކޫލްގެ މުވައްޒަފުން މިދިޔަ އަހަރު ވެސް ވަނީ ހަޅުތާލުކޮށްފައެވެ.

މައްސަލަ ބޮޑުވެފައިވާ ފްލައިން ސްކޫލްގައި މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދުއްވާނެ ބޯޓެއް ނެތްއިރު، ފްލައިން ސްކޫލްގެ ދަރިވަރުންގެ ޔޫނިއަނުން ވަނީ ހަ މަސް ދުވަސްވީއިރު ވެސް އެ ސްކޫލްގެ މައްސަލައަށް ހައްލެއް ލިބިފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.