Last Updated: May 7, 00:16
Thursday, May 6, 2021
ޚަބަރު

އާ ކައުންސިލަރުން ހުވާކުރުން މި މަހު 17 ގައި

މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލުތަކަށް އަލަށް އިންތިހާބުވި ކައުންސިލަރުން މަގާމުގެ ހުވާކުރުން މި މަހުގެ 17 ގައި ބާއްވަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ނިންމައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންދާނީ އޮންލައިންކޮށެވެ.

ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީންނެވެ. އެގޮތުން އިންތިހާބުގައި އެމްޑީޕީން 804 ގޮނޑި އަށް ވާދަކޮށް އޭގެތެރެއިން 400 ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ.

އިދިކޮޅު ޕީޕީއެމުން 646 ގޮނޑި އަށް ވާދަކުރިއިރު 325 ގޮނޑި ކާމިޔާބުކުރިއިރު، ޖުމްހޫރީ ޕާޓީން 115 ގޮނޑި އަށް ވާދަކޮށް ލިބިފައިވަނީ 23 ގޮނޑި އެވެ. އަދި އަދާލަތު ޕާޓީން 28 ގޮނޑިއަކަށް ވާދަކުރިއިރު 11 ގޮނޑި ކާމިޔާބުކޮށްފައިވާއިރު އެމްޑީއޭ އިން 20 ގޮނޑިއަކަށް ވާދަކޮށް 16 ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން އަމިއްލަ ގޮތުން 600 މަގާމަށް ވާދަކޮށް 173 ފަރާތަކުން ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ.