Last Updated: May 7, 00:31
Thursday, May 6, 2021
ޚަބަރު

ލަފާ ދޭނީ ތަންކޮޅެއް ބޮޑަށް ބަންދުކުރަން: ނަޒްލާ

ޑރ. ނަޒްލާ މުސްތަފާ

ހަލުވިކަމާއެކު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލް ކުރަން ދޭ ލަފަޔަކީ ފިޔަވަޅުތައް ވަރުގަދަކޮށް ތަންކޮޅެއް ބޮޑަށް ބަންދުކުރަން ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގައި ހިމެނިވަޑައިގަންނަވާ، ޕީޑިއޮޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

ރާއްޖެއިން އިއްޔެ 601 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އެކްޓިވް ކޭސްގެ އަދަދު އުޅެނީ 6000 އިން މަތީގައެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ރޭ ޑރ. ނަޒްލާ ވިދާޅުވީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ބަޔަކު ވެސް ބައްޔަށް ޕޮޒިޓިވް ވަމުންދާ ކަމަށާއި އޭގެ ސަބަބުން ކޮވިޑްގެ ބައްޔާއި، އެހެނިހެން ބަލިތަކުގެ މީހުންނަށް ވެސް ފަރުވާ ދިނުމަށް އުނދަގޫތަކާއި ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ.

އެގޮތުން މި ރޯދަ މަހު ވެސް ނަރުހުން 12 ގަޑިއިރު ޑިއުޓީގައި މަސައްކަތް ކުރަމުންދާ ކަން ނަޒްލާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ބުނާނީ ހަމަ ތަންކޮޅެއް ބޮޑަށް ބަންދުކުރުން، ބަންދު ކޮށްފައި އަވަހަށް ކޮންޓްރޯލް ކުރުމަށް އަޅުގަނޑުމެން ލަފާ ދޭނީ" ނަޒްލާ ވިދާޅުވިއެވެ.

މިގޮތަށް ލަފާދިން ނަމަވެސް އެކަމާ މެދު ގޮތްތައް ނިންމަނީ އެކި ލެވަލްގައި މަޝްވަރާކޮށްފައި ކަމަށާއި އެހެންކަމުން މިކަމުގައި ސިއްހީ ދާއިރާގެ މީހުންގެ ވިސްނާ ގޮތްތަކާއި މެދު ތަފާތުތަކެއް ހުރުން އެކަށީގެންވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހުށަހަޅާ ފިޔަވަޅު މާދަން ވެސް ބަދަލުވެދާނެ. ހުށަހަޅާނީ ވީހާ ވެސް ހެލްތްއަށް ބަލާފައި. ތަންކޮޅެއް ބޮޑަށް ބަންދުކުރަން. ނޫނިއްޔާ މީހުން އެއްވާ ގަޑިތަކުގައި އެއްވުން ދުރުކުރަން. އެހެންވީމަ އެގޮތަށް އެއްކޮށް ނުނިމިދާނެ. އެއީ އެކި ލެވަލްގައި އެކި މީހުން ބަލާ ގޮތް ނޫނީ އިގްތިސާދީ އިޖްތިމާއީ މިކަންތަކަށް ބަލާފަ އޭތި ތަފާތުވެދާނެ، ފައިނަލްކޮށް އަންނަ އެތި. އިތުރަށް ސަކަރާތް ވަންޏާ ކޮންމެ ގޮތެއް ވިޔަސް އެ ސްޓެޕް ނަގަންޖެހޭނޭ" ނަޒްލާ ވިދާޅުވިއެވެ.

އަދި ކޮވިޑް ވިޔަސް އެހެން ބައްޔެއްގެ ބަލި މީހަކަށް ވެސް ފަރުވާ ނުދެވި ދާތަން ބަލަން ބޭނުން ނުވާ ކަމަށާއި އެދޭނީ ވީހާވެސް އަވަހަށް ނަމްބަރު ދަށްކުރުން ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.