Last Updated: April 23, 14:45
Tuesday, April 23, 2024
ޚަބަރު

ކެބިނެޓުން ޖޭޕީ އަށް ދެ ވުޒާރާ ގެއްލުނީ ލީޑަޝިޕްގެ ދޯހަޅިކަމުން

ޖޭޕީން ބޭއްވި ޖަލްސާއެއްގެ ތެރެއިން - ފޮޓޯ: ވީނިއުސް

މި ސަރުކާރުގެ ކެބިނެޓުން ޖުމްހޫރީ ޕާޓީ އަށް ދެ ވުޒާރާއެއް ގެއްލިގެން ދިޔައީ ޕާޓީގެ ލީޑަޝިޕްގެ ދޯހަޅިކަމުން ކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އެގޮތުން ޖޭޕީ އަށް އެންމެ ފުރަތަމަ ގެއްލިގެން ގޮސްފައިވަނީ ހެލްތު މިނިސްޓަރުގެ ވުޒާރާއެވެ. އެ ވުޒާރާގައި ހުންނެވި އަބްދުﷲ އަމީން މަގާމުން އިސްތިއުފާ ދެއްވުމުން އެ މަގާމަށް ދެން އައްޔަން ކުރެއްވީ އެމްޑީޕީ އަށް ނިސްބަތްވާ އަހުމަދު ނަސީމް އެވެ. އަދި ސަރުކާރުން މިއަދު ވަނީ ޖޭޕީ އަށް ދީފައި އޮތް ކޮމިއުނިކޭޝަން މިނިސްޓްރީ އުވާލުމަށް ނިންމާފައެވެ.

އެ މިނިސްޓްރީ އުވާލުމަށްފަހު އެ މިނިސްޓްރީގެ ހުރިހާ ޒިންމާތަކެއް މިހާރު ވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ދަށަށް ބަދަލުކުރައްވާފައެވެ. އެ މިނިސްޓްރީގެ ވަޒީރަކީ އެމްޑީޕީ އަށް ނިސްބަތްވާ އާމިނަތު ޝައުނާ އެވެ.

މި ބަދަލުތަކާ ގުޅިގެން ސައީީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ޖޭޕީ އަށް ދީފައިވާ ދެ ވުޒާރާއެއް ގެއްލިގެން ގޮސްފައިވާ ކަމަށާއި އެ ވުޒާރާތައް ޕާޓީ އަށް ގެއްލުނީ ސަބަބުތަކެއް ނެތި ނޫން ކަމަށެވެ.

"ސަބަބެއް ކަމަށް ގަބޫލުކުރެވެނީ ޖޭޕީ ލީޑަރޝިޕްގެ ހަރުދަނާ ކަމެއް ނެތްކަމާއި، ދޯހަޅިކަން" ސައީދު ވިދާޅުވިއެވެ.

އެ ދެ ވުޒާރާ ޖޭޕީ އަށް ގެއްލުމުން ކެބިނެޓުގައި މިހާރު ޖޭޕީ ތަމްސީލުކުރައްވާ ބޭފުޅުންގެ އަދަދަކީ ތިނެކެވެ. އެއީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމްގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ހުސެއިން އެވެ.