Last Updated: April 19, 21:23
Friday, April 19, 2024
ޚަބަރު

ހާލަތު ގޯސްވާތީ ސަރުކާރަށް އެހީވާން އިދިކޮޅުން ހުށަހަޅައިފި

ކޮވިޑް-19 ގެ ހާލަތު ގޯސްވަމުންދާތީ ސަރުކާރަށް އެހީވާން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ހުށަހަޅައިފިއެވެ.

މާލޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާއިރު އިއްޔެ ރާއްޖެއިން ވަނީ 734 މީހުން ބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 540 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވީ ކޮވިޑްގެ ހާލަތު ފުރަތަމަ ރާއްޖެއަށް ކުރިމަތިވުމާ އެކު ވެސް އެހީތެރިކަން ފޯރުކޮށް ދޭން އިދިކޮޅުން ސަރުކާރަށް ހުށަހެޅި ކަމަށެވެ. އެގޮތުން ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކޮށްދޭން ތައްޔާރަށް ތިބި މީހުންގެ ލިސްޓެއް ވެސް ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް އާދަމް ވިދާޅުވިއެވެ.

އަދި ކޮވިޑްގެ ހާލަތު އަނެއްކާވެސް ގޯސްވެފައިވާތީ ސަރުކާރަށް އެހީ ފޯރުކޮށްދޭން ބޭނުންވާތީ އެކަމަށް އެދި ސިޓީއަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައިވާނެ ކަމަށްވެސް އާދަމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދޭންވީ ދާއިރާތަކާއި ކުރަންވީ ކަމެއް ސަރުކާރުން އަންގާލައި ދެއްވައިފި ނަމަ އެކަމެއްގައި އަޅުގަނޑުމެން ކުރިއަށް ދާނަން. އަޅުގަނޑުމެން އޮންނާނީ ވަރަށް ސާފުކޮށް ދަންނަވާފައި މިކަމުގައި ސަރުކަރާށް ޕޮޒިޓިވް ނޯޓެއްގައި މަސައްކަތް ކޮށްދޭނެ ކަމަށް" އާދަމް ވިދާޅުވިއެވެ.

ކޮވިޑް ކޭސްތައް މާލެއިން ގިނަ އަދަދަކަށް ފެންނަމުންދާތީ އެޗްޕީއޭ އިން ވަނީ މިރޭ 9 އިން ފަތިހު 4 އަށް މާލެ ސަރަހައްދުގައި ކާފިއު ހިންގުމަށް ނިންމާފައެވެ. މި ވަގުތުތަކުގައި ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުމަކީ މަނާ ކަމެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި ޒަރޫރީ ބޭނުމަށާއި ޑެލިވަރީގެ ހިދުމަތްތަކަށް ފުލުހުން ހުއްދަ ދޫކުރަމުން ގެންދާނެ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 32،665 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 7109 ކޭސް އެވެ. މި ބަލިން 25،473 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 198 މީހަކަށެވެ. މި ބަލީގައި 74 މީހަކު ވަނީ ނިޔާވެފައެވެ.