Last Updated: April 20, 17:12
Saturday, April 20, 2024
ޚަބަރު

ނަޝީދަށް ދިން ހަމަލާ އ.ދ އިން ކުށްވެރިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާ އ.ދ އިން ކުށްވެރިކޮށްފިއެވެ.

ރާއްޖޭގައި ހުންނަ އ.ދ ގެ އޮފީހުން ކުރި ޓްވީޓެއްގައި ބުނީ އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ސުލްހަވެރި މުޖުތަމައު އަށް ބިނާކުރުމަށް ދިވެހި ރައްޔިތުންނާއެކު އ.ދ ދެމި އޮންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި ހަމަލާ ނަޝީދަށް ދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ ގ.ކެނެރީގެ ކައިރީގައި އެއްޗެއް ގޮއްވާލައިގެންނެވެ. މި ހާދިސާ ހިނގާފައިވަނީ ނަޝީދު ކާރު ކޮޅަށް އަރުއްވަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާގައި ނަޝީދަށް އަނިޔާވެފައިވާއިރު އެމަނިކުފާނުގެ ސެކިއުރިޓީ އާއި ބައެއް އާންމުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެމަނިކުފާނުގެ ފޯނާއި ތުރުކުރައްވައިގެން ހުންނެވި ފައިވާން އޮތީ މަގުމަތީގަ އެވެ.

އެ އަނިޔާތަކަށް ނަޝީދު މިހާރު ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގައި ފަރުވާ ހޯދަމުންނެވެ. ނަމަވެސް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އެނގިފައެއް ނުވެއެވެ. އޭޑީކޭ ހޮސްޕިޓަލަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިހާރު ވަނީ ވަޑައިިގެންފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެއްޗެއް ގޮއްވާލާފައިވަނީ ނަޝީދުގެ ކާރުކޮޅު ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައެވެ. އެއާއެކު އެ ސަރަހައްދުގައި ހުރި އެހެން ސައިކަލުތަކަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

މި ހާދިސާއާ ގުޅިގެން ސަލާމަތީ ބާރުތަކުން އަންނަނީ ހަތިޔާރާއެކު މާލޭގެ މަގުތަކުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެމްއެންޑީއެފް އާއި ފުލުހުންގެ އެލާޓް ލެވެލް ވެސް މިހާރު ވަނީ މަތިކޮށްފައެވެ.