Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ހިޔާނާތުގެ ލިސްޓުގައި ހިމެނޭ މީހުން މަގާމުން ދުރުކުރަން ހުށަހަޅައިފި

އީވާ އަބްދުﷲ - ފޮޓޯ: މަޖިލިސް

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ލިސްޓުގައި ހިމެނޭ ދައުލަތުގެ އެކި މަގާމުތަކުގައި މިހާރު ތިއްބެވި ފަރާތްތައް މަގާމުން ދުރުކުރަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހަޅައިފިއެވެ.

އީވާ މިގޮތަށް ހުށަހެޅުއްވީ ތަހުގީގީ އިދާރާތަކުން މަޖިލީހަށް ފޮނުވި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި މައްސަަލައިގައި މީހުންގެ ލިސްޓު ދިރާސާ ކުރާ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އަދި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމުގައި މިރޭ ވާހަކަދައްކަވަމުންނެވެ.

އެގޮތުން އީވާ ވިދާޅުވީ ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ އެ ފަރާތްތަކުގެ މަސައްކަތުން ބޮޑެތި ބާރުތަކަކާއި ޒިންމާތަކެއް އަދި މައުލޫމާތުތަކެއް ލިބިގެންވާ ބައެއް ކަމަށާއި އަދި އެ ބާރާއެކު މުޅި ދައުލަތުގެ މިސްރާބު ބަދަލުކޮށްލުމުގެ ބާރު ވެސް އެ ފަރާތްތަކަށް ލިބިގެންވާ ކަމަށެވެ. އެހެންކަމުން ލިސްޓުގައި ހިމެނޭ އެފަދަ ފަރާތްތަކަށް ހާއްސަ ފޯކަސްއެއް ދިނުން މުހިއްމު ކަމަށް އީވާ ވިދާޅުވިއެވެ.

އެގޮތުން ތަހުގީގުގެ މަރުހަލާ ކުރިއަށްދާއިރު ވެސް އެ ލިސްޓުގައި ހިމެނޭ އެފަދަ މަގާމުތަކުގައި ތިބި މީހުންނަށް ރަނގަޅު ފިޔަވަޅު އަޅަންޖެހޭ ކަމަށާއި ހުކުމް އަންނަންދެން މަޑުކުރަން ނުޖެހޭނެ ކަމަށް އީވާ ވިދާޅުވިއެވެ.

"މިސާލަކަށް މަސައްކަތުން ދުރުކުރެވޭ ފަދަ މަގާމެއްގައި ހުރި މީހަކު މިވަރުގެ ބޮޑު ހިޔާނަތެއްގައި ބައިވެރިވެފަ އޮތިއްޔާ އަޅުގަނޑުމެން ރިޕޯޓުގެ ރެކަމަންޑޭޝަނަކަށް ވާންޖެހޭނެއޭ މިހާރު މިހާރަށް ވެސް މަސައްކަތުން ދުރުކުރަން" އީވާ ވިދާޅުވިއެވެ.

މީގެއިތުރުން އެސެޓް ރިކަވަރީ ކޮމިޝަނުން ރާއްޖޭގައި ފައިނޭންޝަލް ކްރައިމްސް ހުއްޓުވަން ހަރުދަނާ ކުރެވޭނެ ކަންކަން ފާހަގަކޮށްފައިވާ ކަމަށާއި އެ ކަންކަން ވެސް ކޮމިޓީ ރިޕޯޓުގައި ރެކަމެންޑޭޝަނެއްގެ ގޮތުގައި ހިމެނުމަށް އީވާ ވަނީ ހުށަހަޅުއްވާފައެވެ.

މަޖިލީހަށް ފޮނުވި އެ ލިސްޓުގައި އެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ސަލާމަތީ ހިދުމަތްތަކުގަޔާއި، ޝަރުއީ ދާއިރާ އާއި، މިނިވަން މުއައްސަސާތަކުގައި ކުރީގެ މަސައްކަތް ކުރައްވާ އަދި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކާއި، މަޖިލީހުގެ ކުރީގެ އަދި މިހާރުގެ މެމްބަރުކަމުގެ މަގާމުގައި ތިއްބެވި ފަރާތްތައް ހިމެނޭ ކަމަށް މަޖިލީހުން ބުނެއެވެ.

މީގެއިތުރުން ދައުލަތުގެ ސްޓޭޓް މިނިސްޓަރުކަމާއި، މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުންނާއި އަދި މިހާރުވެސް އެ މަގާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅުންގެ ނަންތައް ވެސް ހިމެނޭ ކަމަށް މަޖިލީހުން ބުނެއެވެ.