Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ޔާމީން ވެކްސިންގެ ދެވަނަ ޑޯޒު ޖައްސަވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިންގެ ދެވަނަ ޑޯޒު ޖައްސަވައިފިއެވެ.

ޔާމީން ވެކްސިންގެ ދެވަނަ ޑޯޒު ޖައްސަވާފަނީ މިރޭގެ ވަގުތެއްގައި، ހުޅުމާލެއަށް ގެންދިއުމަށްފަހު އެވެ. ވެކްސިންގެ ފުރަތަމަ ޑޯޒު ޔާމީން ޖެއްސެއްވީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން މިދިޔަ މަހުގެ 29 ވަނަ ދުވަހު ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ޔާމީން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކުރީ ކ.މާފުށީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި މާފުށީ ޖަލުގެ އޮފިސަރުން ވެސް ބައްޔަށް ޕޮޒިޓިވްވަމުންދާތީ ކަމަށެވެ. ނަމަވެސް ޔާމީން ގޭ ބަންދަށް ބަދަލުކުރީ ކިހާ މުއްދަތަކަށް ކަމެއް ކަރެކްޝަންސް އިން ހާމަކޮށްފައެއް ނުވެއެވެ.

ޔާމީން ގޭ ބަންދަށް ބަދަލުކޮށްފައިމިވަނީ އެމަނިކުފާނު ގެޔަށް ބަދަލުކޮށްދިނުމަށް އެދި އާއިލާ އަދި އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގަންނަވާފައިވާ ދަނޑިވަޅެއްގައެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ މައްޗަށް މިހާރު ވެސް އަންނަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭ މައްސަލައެއްގައި ދައުވާ ކުރަމުންނެވެ. އެގޮތަށް ފުށްގިރި މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ދައުވާ ރައިސް ޔާމީންގެ މައްޗަށް އުފުލާފައިވެއެވެ.