Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

އުނި އިތުރު ނުގެނެސް ހިޔާނާތުގެ ލިސްޓު އާންމުކުރަންޖެހޭ: ސައީދު

މެމްބަރު މުހައްމަދު ސައީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އުނި އިތުރު ނުގެނެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓު އާންމުކުރަންޖެހޭ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިކަމަށް ގޮވާލާފައިމިވަނީ ތަހުގީގީ އިދާރާތަކުން މަޖިލީހަށް ފޮނުވި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި މައްސަަލައިގައި މީހުންގެ ލިސްޓު ދިރާސާކުރުން ސިއްރުކޮށްގެން ކުރިއަށްގެންދިޔުމަށް އެ މައްސަލަ ދިރާސާ ކުރާ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އަދި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ކޮމިޓީން އެގޮތަށް ނިންމީ އެ ލިސްޓްގައިވާ މައުލޫމާތުތަކުގެ ސިއްރު ހިފަހައްޓަން އެސެޓް ރިކަވަރީ ކޮމިޝަނުން އެދިފައިވާތީއެވެ. އެ ކޮމިޓީން އަންނަނީ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު މި މަހުގެ 17 ގައި ފެށެން ވާއިރަށް ޖަލްސާ އަށް އެޖެންޑާ ކުރެވޭ ވަރަށް ރިޕޯޓެއް ތައްޔާރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

ސިއްރުކޮށްގެން އެ މައްސަލަ ދިރާސާ ކުރާތީ އާންމުންގެ ކަންބޮޑުވުންތައް ވެސް ހުރިއިރު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުނި އިތުރު ނުގެނެސް އެމްއެމްޕީއާރްސީގެ ލިސްޓު އާންމުކުރަންޖެހޭ ކަމަށާއި ބޭނުން ނަމެއް އިތުރުކޮށް އަދި އުނިކޮށް ހެދުން އެއީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

"މޮޑޭ ފުއްގަނޑަކަށް އެމްއެމްޕީއާރްސީގެ ވައްކަން ނުހައްދަވާ. މަޖިލިސް ވިޔަސް، ސަރުކާރު ވިޔަސް، އިސްތިސްނާ ވާކަށް ނުޖެހޭ. އެއީ ސިޔާސީ ޕާޓީއެއްގެ ހައްގެއް ނޫން" ސައީދު ވިދާޅުވިއެވެ.

އެ މައްސަލަ ދިރާސާކުރާ ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި ވަނީ އެ ލިސްޓުގައި ހިމެނޭ ދައުލަތުގެ އެކި މަގާމުތަކުގައި މިހާރު ތިއްބެވި ފަރާތްތައް މަގާމުން ދުރުކުރަން ހުށަހަޅާފައެވެ. އެގޮތުން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.

މަޖިލީހަށް ފޮނުވި އެ ލިސްޓުގައި އެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ސަލާމަތީ ހިދުމަތްތަކުގަޔާއި، ޝަރުއީ ދާއިރާ އާއި، މިނިވަން މުއައްސަސާތަކުގައި ކުރީގެ މަސައްކަތް ކުރައްވާ އަދި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކާއި، މަޖިލީހުގެ ކުރީގެ އަދި މިހާރުގެ މެމްބަރުކަމުގެ މަގާމުގައި ތިއްބެވި ފަރާތްތައް ހިމެނޭ ކަމަށް މަޖިލީހުން ބުނެއެވެ.

މީގެއިތުރުން ދައުލަތުގެ ސްޓޭޓް މިނިސްޓަރުކަމާއި، މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުންނާއި އަދި މިހާރުވެސް އެ މަގާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅުންގެ ނަންތައް ވެސް ހިމެނޭ ކަމަށް މަޖިލީހުން ބުނެއެވެ.