Last Updated: March 28, 13:49
Thursday, March 28, 2024
ޚަބަރު

ކައުންސިލަރުން ހުވާ ކުރުމުގެ ކަންކަން އޮންލައިންކޮށް

ކައުންސިލަރުން ހުވާ ކުރުމުގެ ކަންކަން ކުރިއަށްދާނީ އޮންލައިންކޮށް ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލްޖީއޭގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވީ ނަމަވެސް ކައުންސިލަރުން ހުވާ ކުރުން ލަސްކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި އެގޮތުން މިހާރުވެސް ހަމަޖައްސާފައިވާ ގޮތަށް މި މަހުގެ 17 ވަނަ ދުވަހު ހުވާ ކުރުން ކުރިއަށްގެންދާނެ ކަމަށެވެ.

އެގޮތުން ނިންމީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވި ފަހުން ވެސް ވަރަށް ގިނަ ދުވަސް ވެފައިވާތީ އާއި އަދި ބައެއް ރަށްތަކުގެ ކައުންސިލަރުން މަގާމުން ވެސް އިސްތިއުފާ ދެއްވާފައިވާތީ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ނަމަވެސް އެހެން އަހަރުތަކާއި ހިލާފަށް މިފަހަރު އާ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުގައި އާންމުންނަށް ބައިވެރިނުވެވޭނެ ކަމަށާއި ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހުވާކުރުމުގެ ކަންކަން ކުރިއަށްގެންދާނީ އެ ރަށެއްގެ ކައުންސިލް އިދާރާގައެވެ.

އަދި ފަނޑިޔާރުން ނެތް ރަށްރަށުގައި ކައުންސިލަރުންނަށް ހުވައިލައިދޭ ފަނޑިޔާރު ވެސް ބައިވެރިވާނީ އޮންލައިންކޮށް ކަމަށް ޝަރީފް ވިދާޅުވިއެވެ.