Last Updated: March 29, 02:52
Friday, March 29, 2024
ޚަބަރު

ބިހުރޯޒް މިސްކިތުން ފެނުނީ ދަބަހެއް، ނުރައްކަލެއް ނެތް

އެމްއެންޑީއެފުން މިރޭ ހިންގި އޮޕަރޭޝަނުގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް

ބިހުރޯޒުކަމަނާ މިސްކިތުން ފެނުނީ ދަބަހެއް ކަމަށާއި ނުރައްކަލެއް ނެތް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖާ ޖެނެރަލް އިބްރާހިމް އާޒިމް ވިދާޅުވީ ބިހުރޯޒް މިސްކިތް ތެރޭގައި ގޮތްނޭނގޭ އެއްޗެއް އޮތްކަމުގެ ރިޕޯޓް ލިބިގެން، ފުލުހުންނާއި ގުޅިގެން އެތަން އެމްއެންޑީއެފުން ބަލައި ފާސްކޮށް، ކްލިއާކޮށްފައިވާ ކަމަށެވެ.

"މި ބަލައި ފާސްކުރުމުގައި އެތަނުން ނުރައްކާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައެއް ނުވޭ" އާޒިމް ވިދާޅުވިއެވެ.

ސިފައިންނާއި ފުލުހުން މިފަދަ އޮޕަރޭޝަނެއް ހިންގާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ވަނީ ނުރައްކާތެރި ހަމަލާއެއް ދީފައެވެ.

ނަޝީދަށް އެ ހަމަލާދީފައިވަނީ އިވެންޓެއްގައި ބައިވެރިވެ ވަޑައިގަތުމަށް އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް ކާރުކޮޅު ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ބާރުގަދަ އެއްޗެއް ގޮއްވާލައިގެންނެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ތިން މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. އެ ތިން މީހުންނަކީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އެވެ. އަދުހަމް އަކީ ނަޝީދަށް ހަމަލާދިނުމަށް ތައްޔާރުކޮށްފައިވާ ޑިވައިސް ރިމޯޓެއް ބޭނުންކޮށްގެން ގޮއްވާލި ފަރާތެވެ. އަދި ތަހުމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ.

އެ ތިން މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން 15 ދުވަސް ވަނީ ޖަހާފައެވެ. ނަމަވެސް އެ ތުހުމަތަށް އެ ތިން މީހުން ވެސް އިންކާރު ކުރެއެވެ.