Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ނައިފަރުގައި ކޭސްތައް ވަނީ އިތުރު، ސަރުކާރަށް ހައްލެއް ނުހޯދޭ

މެމްބަރު އަހުމަދު ޝިޔާމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނައިފަރުގައި ކޮވިޑް-19 ގެ ކޭސްތައް ދަނީ އިތުރުވަމުން ކަމަށާއި ކޭސްތައް މަދުކުރުމަށް ސަރުކާރުން އެދެވޭ މަސައްކަތެއް ކުރާތަން ނުފެންނަ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނައިފަރުގައި ކޮވިޑްގެ ޙާލަތު ބަދަލުކުރުމުގެ ނިޔަތުގައި އެޅި އެންމެ މުޙިއްމު އެއް ފިޔަވަޅަކީ ރަށް މޮނިޓަރިންގެ ޙާލަތަށް ގެނަސް ޢާއްމު ދިރިއުޅުމުގެ ބައެއް ކަހަލަ ފިޔަވަޅުތައް ތަންފީޒުކުރަން ފެށުން ކަމަށެވެ.

އަދި މިދިޔަ މާޗު މަހުގެ 23 އިން ފެށިގެން މޮނިޓަރިންގައި ނައިފަރު އޮންނަތާ މިއަދަށް އެއް މަހާއި 20 ދުވަސް ވެފައިވާ ކަމަށާއި އިއްޔެގެ ނިޔަލަށް ޖުމްލަ 728 ފަރާތެއް ނައިފަރުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު ވޭތުވެދިޔަ 7 ދުވަސްތެރޭ އެކަނިވެސް 179 ފަރާތެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މިވަގުތު ނައިފަރުގައި 410 އެކްޓިވް ކޭސް އަދި މިއަދާ ހިސާބަށް 4 މީހަކު ކޮވިޑު ބަލީގައި ނިޔާވެފައިވާކަމަށް ޅ.އަތޮޅު ހޮސްޕިޓަލުން ރިޕޯޓުކުރޭ. ނައިފަރަކީ މާލެ ފިޔަވާ މީހުން ދިރިއުޅޭ ރަށަކުން އެންމެ ޙާލަތު ގޯސްކޮށް ތަފާސްހިސާބު ދައްކާ ރަށް" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިޙާލަތުގައި މިހާ ދުވަސްވީއިރު މިއަދުވެސް ރައްޔިތުންގެހުރީ ފުރަތަމަ 2-3 ހަފްތާވެސް ހުރި ޝަކުވާތަކާ ދާދި އެއްކަހަލަ ޝަކުވާތަކެއް ކަމަށާއި އިތުރުވީ އެއްޗަކީ ޕޮޒިޓިވް ކޭސްތައް ކަމަށެވެ. އަދި ކޭސްތައް މަދުކޮށް ނައިފަރު ޢާއްމު ޙާލަތަށް ގެނައުމަށް ސަރުކާރުން އެދެވޭ މަސައްކަތެއް ކުރާތަން ނުގެންނަ ކަމަށާއި މިޙާލަތުގައި ބޭނުންވާ މުޙިއްމު ވަޞީލަތްތައް އަދިވެސް ފޯރުކޮށް ނުދެވޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މުޢައްސަސާތަކުގެ މުޢައްޒަފުންގެ ތެރެއިން ޚާއްޞަކޮށް ސިއްޙީ ދާޢިރާގެ ކުރީސަފުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކެއް ކަރަންޓީން އަދި އައިސޮލޭޝަންގައި ތިބުމުގެ ސަބަބުން މަސައްކަތްކުރައްވާ މަދު މުޢައްޒަފުންކޮޅު ވަރުބަލިވެ ރަނގަޅަށް ޚިދުމަތްފޯރުކޮށް ނުދެވޭހިސާބަށް ޙާލަތު ގޯސްކަން ފާހަގަކުރަން" ޝިޔާމް ވިދާޅުވިއެވެ.

އަދި އެހެން ރަށްރަށަށް ދަތިވާ ޙާލަތްތަކުގައި ޅ. އަތޮޅު ހޮސްޕިޓަލުން އެހެން ރަށްރަށަށް މުއައްޒަފުން ފޮނުވޭ އުސޫލުން މިޙާލަތުގައި ހެލްތު މިނިސްޓުރީއަށް ނައިފަރުގެ ޙާލަތު ނޭނގިގެން އުޅެނީ ކީއްވެގެންތޯ ވެސް ޝިޔާމް ސުވާލުކުރެއްވިއެވެ.

މީގެއިތުރުން ނައިފަރުގެ ދޭދޭ މުޢައްސަސާ ތަކުގެ ސިޔާސީ ވެރިންގެ މެދުގައިހުރި ޒާތީ މައްސަލަތައް ކޮވިޑުގެ ޙާލަތައްވުރެ ގޯސްކަމަށް ފެންނަ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން ޝަކުވާތަކަށް ޙައްލު ނުހޯދި މިހާ ދުވަސްވާންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.