Last Updated: April 24, 12:03
Wednesday, April 24, 2024
ޚަބަރު

ފުވައްމުލަކުން ޕޮޒިޓިވްވި މީހުންގެ އަދަދު 38 އަށް

ފުވައްމުލަކު ސިޓީގައި ކޮވިޑް-19 ގެ 38 އެކްޓިވް ކޭސް އުޅޭ ކަމަށް، ފުވައްމުލަށް ހޮސްޕިޓަލުން ބުނެފިއެވެ.

ފުވައްމުލަށް ހޮސްޕިޓަލުން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ އެ ރަށުން ވަނީ 17 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައެވެ. ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު 73 ގައި އުޅޭއިރު އިއްޔެ އެ ރަށުން ވަނީ 85 ސާމްޕަލެއް ނަގާފައެވެ.

އަދި މި ބައްޔަށް މިހާރު ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ބަލީގެ އަލާމާތްތައް ހުންނަ މީހުން ގިނަކަން ފާހަގަކުރެވޭ ކަމަށް ފުވައްމުލަށް ހޮސްޕިޓަލުން ބުނެއެވެ. އެހެންކަމުން އެ ރަށުގައި ދިރިއުޅޭ ފަރާތްތަކުން މިކަމަށް ދެއްވާ ސަމާލުކަން އިތުރުކޮށް ބަލިން ރައްކާތެރިވެ ތިބުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި މަހުގެ ހަވަނަ ދުވަހު ފުވައްމުލަކު ފުލޫ ކްލިނިކަށް ދެއްކި ދެ މީހަކު ޕޮޒިޓިވްވެ އެ ރަށް ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފައެވެ.

ކޮވިޑްގެ ނުރައްކާ ރާއްޖޭގައި ބޮޑުވެފައިވާއިރު އެޗްޕީއޭ އިން ވަނީ ފުވައްމުލަކުގައި ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ހަތް ދުވަހުގެ މުއްދަތަށް ރޭގަނޑު 9 އިން ފަތިހު 4 އަށް އެ ރަށުގައި ކާފިއު ހިންގުން ހިމެނެއެވެ.