Last Updated: April 16, 20:04
Tuesday, April 16, 2024
ޚަބަރު

ފްލައިން ސްކޫލްގެ ދަރިވަރުންގެ ލޯނުތަކަށް ލުއިދޭން ރައީސް އަންގަވައިފި

އައްޑޫ ފްލައިން ސްކޫލްގެ ބޯޓުތަކެއް

އައްޑޫ ސިޓީގައި ހިންގާ ފްލައިން ސްކޫލް، އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގައި ކިޔަވަމުންދާ ދަރިވަރުންގެ ލޯނުތަކަށް ލުއި ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އޭއޭއޭ ގެ މައްސަލަތަކާ ގުޅިގެން ރައީސް މިއަދު ނިންމެވުންތަަކެއް ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޯޑިޓްގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން އެ ތަނުގެ ހެޑް އޮފް ޕައިލެޓް ޓްރެއިނިންގ އާއި އެކައުންޓެބަލް މެނޭޖަރގެ މައްސަލަ އިތުރަށް ބަލާ ފިޔަވަޅު އެޅުމަށް ރައީސް އަންގަވާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އަދި ސްކޫލްގެ މައްސަލަ ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޯޑިޓެއް ހަދައި، އިހުމާލުވެފައި ވާނަމަ، އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް ރައީސް އަންގަވާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެއިތުރުން އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ނަގާފައިވާ ދަރިވަރުންގެ ލޯނު މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް މިނިސްޓްރީ އޮފް ހަޔާ އެޑީއުކޭޝަން އިން ދޫކުރާ ލޯނުތަކަށް ބަދަލުކުރަން ރައީސް އަންގަވާފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މައްސަލަ ބޮޑުވެފައިވާ ފްލައިން ސްކޫލްގައި މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދުއްވާނެ ބޯޓެއް ނެތްއިރު، މުސާރައިގެ މައްސަލައިގައި އެ ސްކޫލްގެ އިންޖިނިއަރުން ވަނީ މަގާމުން އިސްތިއުފާ ދޭން ނިންމާފައެވެ.

މުސާރައިގެ މައްސަލަ އާއި ހެދި ފްލައިން ސްކޫލްގެ އިންޖިނިއަރުންތަކެއް އިސްތިއުފާ ދޭން ނިންމާފައިވާއިރު މުސާރައިގެ މައްސަލައިގައި އެ ސްކޫލްގެ އިންސްޓްރަކްޓަރުން ދާދިފަހުން ވަނީ ހަޅުތާލުކޮށްފައެވެ. އަދި މުސާރަ ނުދޭތީ އެ ސްކޫލްގެ މުވައްޒަފުން މިދިޔަ އަހަރު ވެސް ވަނީ ހަޅުތާލުކޮށްފައެވެ.