Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަނީ

މިސްކިތެއްގެ ބޭރުގައި ފުލުހުންގެ ޓޭޕް ދަމާފައި - ފޮޓޯ: ސަން

މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށް އަންގައިފިއެވެ.

އެޗްޕީއޭ އިން ބުނީ ފިޔަވަޅު އަޅާފައިވަނީ މާދަމާ އިން ފެށިގެން ހަފްތާއެއްގެ މުއްދަތަށް ކަމަށެވެ. މިއީ ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މާދަމާ އިން ފެށިގެން މިސްކިތްތައް ބަންދުކުރަން ނިންމާފައިވާއިރު، ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ އިސްލާމިކް މިނިސްޓްރީން ވަނީ މި އަހަރުގެ ޢީދު ނަމާދުގެ ބޮޑު ޖަމާއަތް މާލޭގައި ނުބާއްވާ ގޮތަށް ވެސް ނިންމާފައެވެ.

ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވަމުން އަންނަ އިރު ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިވަނީ 1000 އިން މަތީގައެވެ. އެގޮތުން އިއްޔެ 1204 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ރާއްޖޭގައި މިވަގުތުވެސް ކޮވިޑު ޖެހިފައިތިބި 10،000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ފުރިފައިވާ އިރު ކޮވިޑު ބަލި މީހުންނަށް ފަރުވާ ކުރުމުގައި ސިއްހީ އެހީތެރިން ހޯދުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.