Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ޓޫރިސްޓުންނަށް ވިސާ ދިނުން ހުއްޓާލައިފި

ރާއްޖެ އައި ފަތުރުވެރިންތަކެއް - ފޮޓޯ: ވެލާނާ އެއާޕޯޓު

ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު އެންގުމެއްގައި ބުނީ ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ބުރާސްފަތި ދުވަހުން ފެށިގެން ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

މީގެކުރިން އެޗްޕީއޭ އިން ވަނީ ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ގޯސްވަމުންދާތީ، ވަޒީފާ އަދާކުރުމަށް ރާއްޖެއަށް ދެކުނު އޭޝިއާއިން މީހުން އައުން ވެސް މަނާކޮށްފައެވެ.

ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވަމުން އަންނަ އިރު ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިވަނީ 1000 އިން މަތީގައެވެ. އެގޮތުން އިއްޔެ 1204 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ރާއްޖޭގައި މިވަގުތުވެސް ކޮވިޑު ޖެހިފައިތިބި 10،000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ފުރިފައިވާ އިރު ކޮވިޑު ބަލި މީހުންނަށް ފަރުވާ ކުރުމުގައި ސިއްހީ އެހީތެރިން ހޯދުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.