Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސް ވުމުން މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ނެރުނު އެލާޓްގައި ބުނީ ވައިޓް އެލާޓް ދެމިގެން ދާނީ ހަވީރު 5:45 އިން މިރޭ 9:45 އާއި ހަމައަށެވެ.

މި ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، އަދި 40 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިއަހަރުގެ ހުޅަނގު މޫސުން ރާއްޖެ ސަރަޙައްދަށް ފެށެން ކައިރިވުމާއި ގުޅިގެން، މިއަދުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި މުއްދަތުގައި އާންމު ގޮތެއްގައި ގަޑިއަކު 5 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަވެ އަދި ބައެއް ރަށްތަކަށް އުދައެރުންވެސް އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

އެހެންކަމުން މެޓް އޮފީހުން ވަނީ ކުރިއަށް އޮތް ފަސް ދުވަހު ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އިލްތިމާސް ކުރައްވާފައެވެ.