Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ނަޝީދަށް ހަމަލާދިން މައްސަލައިގެ ތަހުގީގަށް ކުރިއެރުން އެބަލިބޭ

އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު - ފޮޓޯ: ޕޮލިސް

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ދިން ހަމަލާގެ މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒު ވިދާޅުވީ މިކަމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ހައްޔަރުކުރެވި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި އެގޮތުން ލިބެމުންދާ މައުލޫމާތުތަކުގެ މައްޗަށް ތަހުގީގު އިތުރަށް ފުޅާކުރެވެމުންދާ ކަމަށެވެ.

"އަދި މައްސަލައިގެ ތަހުގީގަށް ކޮންމެވެސް ވަރެއްގެ ކުރިއެރުން ވެސް ލިބެމުން އެބަދޭ" ރިޔާޒު ވިދާޅުވިއެވެ.

ނަމަވެސް މި މައްސަލައިގެ ތަހުގީގު މިހާރު އޮތް ހިސާބާއި އަދި ތަހުގީގުގެ ސްޓްރެޓަޖީތައް ބައްޓަންކޮށްފައި އޮތް ގޮތުން މި ކޭސް އާއި ގުޅުންހުރި އިތުރު މައުލޫމާތުތައް ހާމަކުރަން މިވަގުތު އުޒުރުވެރިވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ. އަދި ތަހުގީގާއި ގުޅުންހުރި މުހިއްމު މައުލޫމާތުތައް ފުލުހުންގެ މީޑިއާ މެދުވެރިކޮށް ހިއްސާކުރާނެ ކަމަށާއި އެގޮތުން ތަހުގީގާއި ގުޅިގެން ހޯދޭ ހޯދުންތައް އެކަށީގެންވާ ވަގުތުގައި ރައްޔިތުންނަށް ހާމަކުރަމުންދާނެ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

މީގެއިތުރުން ރިޔާޒު ވަނީ މި ހާދިސާގައި ގޮއްވާލި ޑިވައިސްއާ ގުޅިގެން ހިންގަންޖެހޭ ބައެއް ޓެކްނިކަލް އިވެލުއޭޝަންތައް ހެދުމަށް އެމްއެންޑީއެފްއާއެކު މަސައްކަތް ކުރަމުންދާކަން ވެސް ހާމަކޮށްފައެވެ.

ނަޝީދަށް ހަމަލާދީފައިވަނީ އިވެންޓެއްގައި ބައިވެރިވެ ވަޑައިގަތުމަށް އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް ކާރުކޮޅު ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ބާރުގަދަ އެއްޗެއް ގޮއްވާލައިގެންނެވެ.

އެ ހަމަލާއާ ގުޅިގެން ތިން މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. އެ ތިން މީހުންނަކީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އެވެ. އަދުހަމް އަކީ ނަޝީދަށް ހަމަލާދިނުމަށް ތައްޔާރުކޮށްފައިވާ ޑިވައިސް ރިމޯޓެއް ބޭނުންކޮށްގެން ގޮއްވާލި ފަރާތެވެ. އަދި ތަހުމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ.

އެ ތިން މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން 15 ދުވަސް ވަނީ ޖަހާފައެވެ.