Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު

އަދުހަމު ހައްޔަރުކުރި ވަގުތުގެ ފޮޓޯ އާންމުވި ގޮތް ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމު އަހުމަދު ރަޝީދު ހައްޔަރުކުރި ވަގުތުގެ ފޮޓޯ އާންމުވި ގޮތް ތަހުގީގުކުރަން ފަށައިފިއެވެ.

އަދުހަމް ހައްޔަރުކުރީ ހުޅުމާލެއިން ކަމަށްވާއިރު، އޭނާ ހައްޔަރުކުރިއިރު އޭނާ ދިރިއުޅޭ ގޭގައި ކުޑަކަކޫ މައްޗަށް ތިރިކޮށްފައިވަނިކޮށް ނަގާފައިވާ ފޮޓޯއެއް ވަނީ އާންމުވެފައެވެ.

އެ ފޮޓޯ އާންމުވި ގޮތާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން އެސިސެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒު ވިދާޅުވީ އެ ފޮޓޯއަކީ އޭނާ ދިރިއުޅޭ ގޭގެ ތެރޭގައި ނަގާފައިވާ ފޮޓޯއެއް ކަމަށާއި އެ ފޮޓޯ އަކީ ކޮން ދިމާލަކުން ބޭރަށް ގޮސްފައިވާ ފޮޓޯއެއްތޯ ބަލަމުންދާ ކަމަށެވެ. ނަމަވެސް އެ ފޮޓޯ އަކީ ވަކި މީޑީޔާއަކާ ހިއްސާކޮށްފައިވާ ފޮޓޯއެއް ނޫން ކަމަށް ރިޔާޒު ވިދާޅުވިއެވެ.

އަދި މި މައްސަލައިގައި ހިމެނޭ މައުލޫމާތާއި، ހެތްކާއި، މައްސަލައާ ގުޅުންހުރި އެހެން ކަންކަމުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައިވާ ކަމަށާއި މައްސަލައިގެ ހެކި ލީކުވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

"އާންމު ގެއެއްގެ ތެރޭގައި ނެގިފައި އިން ފޮޓޯއެއްގެ ވާހަކަ މި ދެކެވެނީ. ދެން އަޅުގަނޑުމެންނަށް ވެސް މީޑިއާ އިން ވެސް ފެނިފައި އެބަހުރި އަދި ބައެއް ފަރާތްތަކުން އެ ސުވާލުވެސް ކޮށްފައި އޮތުމުން އެކަން ބަލަމުން މިދަނީ" ރިޔާޒު ވިދާޅުވިއެވެ.

އަދުހަމްގެ އިތުރުން މި މައްސަލައިގައި ވަނީ އިތުރު ދެ މީހަކު ވެސް ހައްޔަރުކޮށްފައެވެ. އެއީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދުއެވެ. އެ ތިން މީހުންގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ނަޝީދަށް ހަމަލާދީފައިވަނީ އިވެންޓެއްގައި ބައިވެރިވެ ވަޑައިގަތުމަށް އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް ކާރުކޮޅު ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ބާރުގަދަ އެއްޗެއް ގޮއްވާލައިގެންނެވެ.