Last Updated: April 23, 14:49
Tuesday, April 23, 2024
ޚަބަރު

ސެކިއުރިޓީ ވަރުގަދަކުރަން ގާނޫނަށް ބަދަލު ގެންނަން ރައީސް އަންގަވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި، އުއްތަމަ ފަނޑިޔާރަށް، ދައުލަތުން ދެމުން ގެންދާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަޤީން ކުރުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް އަވަހަށް ގެންނެވުމަށް އެޓަރނީ ޖެނެރަލަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އަންގަވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިހާރު އޮތް ޤާނޫނީ އޮނިގަނޑުގެ ތެރެއިން މިކަން ފުރިހަމަ ކުރެއްވެން ނެތްނަމަ، އާ ޤާނޫނެއްގެ ބިލެއް އެކުލަވައިލައްވައިގެން ނަމަވެސް މިކަންކަަން ކަށަވަރު ކުރެއްވުމަށް ކުރައްވަންޖެހޭ ކަންކަން ކުރެއްވުމަށްވެސް ރައީސް ސޯލިހު އެޓަރނީ ޖެނެރަލަށް އަންގަވާފައިވާ ކަމަށެވެ.

އަދި މިއަދު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ރައީސް ސޯލިހު މިކަން މަޖިލީހުގެ މެންްބަރުންނާވެސް ހިއްސާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް މިގޮތަށް އަންގަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދީފައިވާ ދަނޑިވަޅެއްގައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ނަޝީދަށް ހަމަލާދީފައިވަނީ އިވެންޓެއްގައި ބައިވެރިވެ ވަޑައިގަތުމަށް އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް ކާރުކޮޅު ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ބާރުގަދަ އެއްޗެއް ގޮއްވާލައިގެންނެވެ.

އެ ހަމަލާއާ ގުޅިގެން ތިން މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. އެ ތިން މީހުންނަކީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އެވެ. އަދުހަމް އަކީ ނަޝީދަށް ހަމަލާދިނުމަށް ތައްޔާރުކޮށްފައިވާ ޑިވައިސް ރިމޯޓެއް ބޭނުންކޮށްގެން ގޮއްވާލި ފަރާތެވެ. އަދި ތަހުމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ.

އެ ތިން މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން 15 ދުވަސް ވަނީ ޖަހާފައެވެ.