Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ދައުރުވާ ސްކްރީން ޝޮޓުތަކުގައި ވަނީ ހުސް ދޮގު: އާޒިމް

މެމްބަރު އަލީ އާޒިމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއާއި ދެމެދު ކުރެވިފައިވާ މުއާމަލާތްތަކެއް ކަމަށް ބުނެ މިހާރު ދައުރުކުރަމުންދާ ސްކްރީންޝޮޓުތަކުގައި ވަނީ ހުސް ދޮގު ކަމަށް އާޒިމް ވިދާޅުވިއެވެ.

މިހާރު ލީކުވެފައިވާ މެސެޖުތަކުގައި ވަނީ މަޖިލީހުގައި ނެގުނު ބައެއް ވޯޓުތަކާއި ގުޅޭ ގޮތުން ތަފާތު އެކި މަޝްވަރާތައް އަދީބާއި އާޒިމް އާއި ދެމެދު ކުރެވިފައެވެ. މީގެއިތުރުން ތަހުގީގީ އިދާރާތަކުން މިހާރު މަޖިލީހަށް ފޮނުވާފައިވާ ހިޔާނާތުގެ ލިސްޓުގެ ރިޕޯޓުގައިވާ ބައިތަކެއް ކަމަށް ބުނާ ސްކްރީން ޝޮޓުތަކެއް ވެސް އަންނަނީ ދައުރުވަމުންނެވެ.

އެގޮތުން އެ ސްކްރީން ޝޮޓުތަކުގައި ބުނެފައިވަނީ އޯގަސްޓު 2015 ގައި އަލީ އާޒިމްގެ ގެއަށްގޮސް 1 މިލިއަން ރުފިޔާ ދީގައިވާ ކަމަށް މުހައްމަދު ހުސެއިން ބުނެފައިވާކަމަށެވެ. އަދި އަދީބުގެ ފޯނުގެ ފޮރެންސިކް އެނަލިސިސް އިން އެކިފަހަރު މަތިން ފައިސާ ހޯދާފައިވާ ކަމާއި ކަނބާލިފަރު ކޮންސްޓްރަކްޝަން ލެޓަރ ހޯދާފައިވާ ކަމާއި އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން ވޯޓުލަމުންދާ ގޮތް އަންގައި އަދީބު އަތުން ހޯދި ފައިސާ ބޭނުންކޮށް މެމްބަރުންނަށް ރިޝްވަތު ދިންކަން އެނގޭކަމަށް ވެސް އޭގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން "އައްޑޫލައިވް" އާއި ވާހަކަދައްކަމުން އާޒިމް ވިދާޅުވީ އެ ސްކްރީންޝޮޓުތަކުގައި ވަނީ ހުސް ދޮގު ކަމަށެވެ.

"ތިއީ ހުސް ދޮގު. ކޮންމެ މީހަކަށް ވެސް ތިކަހަލަ އެއްޗެތި ހެދިދާނެ" އާޒިމް ވިދާޅުވިއެވެ.

އާޒިމް މިހެން ވިދާޅުވެފައިވާއިރު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ބަލަމުންދާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އޭނާ ވަނީ އެއްފަރާތަށް ޖެހިވަޑައިގެންފައެވެ. އާޒިމްގެ ބަދަލުގައި އެ ކޮމިޓީއަށް މިހާރު ވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހަމަޖައްސަވާފައެވެ.

އާޒިމް ކޮމިޓީން އެއް ފަރާތަށް ޖެހިވަޑައިގެންފައިމިވަނީ ހިޔާނާތުގެ ލިސްޓު ދިރާސާކުރަމުންދާއިރު، މަސްލަހަތު ފުށުއަރާ އެއްވެސް މެމްބަރެއް ފާހަގަކުރެވިއްޖެ ނަމަ އެ މެމްބަރަކަށް ކޮމިޓީގެ އެ މަސައްކަތުގައި އިތުރަށް ބައިވެރިނުވެވޭގޮތް ހެދުމަށް ދާދިފަހުން ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ހިޔާނާތުގެ ލިސްޓު މަޖިލީހަށް ލިބުމާއެކު މަޖިލީހުގެ ބައެއް މެމްބަރުންނާއި އާންމުން އަންނަނީ އެ ލިސްޓު ހާމަކުރަން ގޮވާލަމުންނެވެ. އެ ލިސްޓު ކޮމިޓީން ދިރާސާ ކުރަމުން އަންނަނީ ސިއްރުކޮށްގެންނެވެ.