Last Updated: June 23, 17:33
Wednesday, June 23, 2021
ވިޔަފާރި

މާދަމާ އިން ފެށިގެން ބީއެމްއެލް ހުޅުވާނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު

ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާދަމާ އިން ފެށިގެން ހިދުމަތްދޭނީ ކޮންމެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައި ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ މިގޮތަށް ހިދުމަތް ދޭނީ މާދަމާ އިން ފެށިގެން މި މަހުގެ 20 ގެ ނިޔަލަށް ކަމަށެވެ. އެގޮތުން އެ ދެ ދުވަހު ހިދުމަތް ދޭނީ ހެނދުނު 9:30 އިން މެންދުރު 12 އާއި ހަމައަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އަދި ހިދުމަތްދޭ ގަޑިތަކުގައި އަސާސީ ހިދުމަތްތައް ފޯރިކޮށްދިނުމަށް ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުމާއި ބީއެމްއެލް ޗެކް ޕްރޮސެސް ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އެގޮތުން ހެނދުނު 11 ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރެވޭ ޗެކްތައް ހަފްތާ ބަންދާއި ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ޕްރޮސެސް ކުރެވޭނެ ކަމަށް ބޭންކުން ބުނެއެވެ.

މާލޭގައި ބޭންކުން ހިދުމަތް ހޯދަން ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނެގޭނެ ކަމަށާއި އަދި ހިދުމަތް ހޯދަން ދިއުމުގެ ކުރިން ކިއުގައި މަޑުކޮށްގެން ތިބި މީހުންގެ އަދަދު ޗެކް ކުރުމަށް ވެސް ބޭންކުން އެދެއެވެ.

މީގެއިތުރުން އެކައުންޓް އޯޕެނިންގ ސެންޓަރ، ލޯން ސެންޓަރ އަދި ބިޒްނަސް ސެންޓަރތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓަށެވެ. އެގޮތުން، މި ސެންޓަރުތަކުން ހިދުމަތް ހޯދަން ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/book-appointment މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެ އެވެ.