Last Updated: June 21, 08:56
Monday, June 21, 2021
ޚަބަރު

މަހުލޫފް މަގާމުގައި ބަހައްޓާތީ ހައިރާންވޭ: ޖަމީލު

ޑރ. ޖަމީލް، ފޮޓޯ: މިހާރު

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާ ކުރެވޭއިރު ވެސް މަގާމުގައި ބަހައްޓާތީ ހައިރާންވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ހިޔާނާތުގެ މައްސަލައިގައި މަހުލޫފްގެ މައްޗަށް ދައުވާކުރަން އޭސީސީން މިއަދު ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު އެކަމާއި މެދު ޕީޖީން ވަކި ގޮތެއް ނިންމަވަންދެން މަހުލޫފް މަސައްކަތުން އެކަހެރިކުރުމަށް މިހާރު ވަނީ ނިންމާފައެވެ.

ޕީޕީއެމްގެ އެޑްވައިޒަރުކަން ވެސް ކުރައްވަމުން ގެންދަވާ ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ 115 (ޅ) ގައި ވަޒީރުން ޢައްޔަން ކުރުމާއި ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވާއިރު، ވަޒީރެއްގެ މައްޗަށް މިވަރުގެ ދަޢުވާއެއް ކުރެވޭއިރު މަގާމުގައި ބަހައްޓާތީ ހައިރާންވާ ކަމަށެވެ.

"ކޮންފަދަ މަޖްބޫރު ކަމެއްބާ އޮތީ؟ މަޖިލީހާއި ރައީސްގެ ވެސް ހަމައެއް ނެތް" ޖަމީލު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި މަހުލޫފްގެ މައްޗަށް ދައުވާ ކުރަން މިއަދު ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަޚްލޫފް ހުރެ، މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި 33,000.00 އެމެރިކާ ޑޮލަރު މަޚުލޫފް އަށް ލިބިފައިވާ މައްސަލައާ ގުޅިގެންނެވެ.

އެގޮތުން އެ ބިލް ފާސްކުރުމަށް ވޯޓް ދިނުމުގެ ގޮތުން 27 އޮގަސްޓް 2014 ގައި މަޚްލޫފް މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވެފައިވަނީ މެލޭޝިޔާއިން ސީދާ މަޖިލީހުގެ ވޯޓަށްކަމާއި، މަޖިލީހުގައި މަޚްލޫފް އެ ބިލަށް ވޯޓު ދީފައިވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށްކަމާއި، އެސް.އޯ.އެފްގެ ޗެކަކުން މަޚުލޫފުގެ އެކައުންޓަށް 33,000.00 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަޙްޤީޤުން އެނގޭ ކަމަށް އޭސީސީން ބުނެއެވެ.

އަދި އެ ވޯޓަށްފަހު ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އާއި މަޚްލޫފް އާއި ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސް.އޯ.އެފް ގެ ޗެކް މަޚްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚްތަކާއި ގުޅުވުމުން، މަޚްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އެ ފައިސާއަކީ، އަދީބު، މަޚުލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަޙްޤީޤުން އެނގޭ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

މީގެއިތުރުން 33,000.00 އެމެރިކާ ޑޮލަރު އަކީ، ޑޮލަރު ގަނެވިއްކުމުގެ އަދި ސައްހަ މުއާމަލާތެއްކަން ދެއްކުމަށްޓަކައި އޭ.ސީ.ސީ އަށް ހުށަހަޅާފައިވާ "ޕޭމަންޓް ރިސީވްޑް" ލިޔުމާއި، އެ ޑޮލަރަށްވާ ދިވެހި ފައިސާ ނަގުދު ފައިސާއިން އެސް.އޯ.އެފް އާ ޙަވާލުކޮށްފައިވާނެކަމަށް، މަޚްލޫފް އޭ.ސީ.ސީ އަށް ފޮނުވާފައިވާ ސިޓީއާއި، ދީފައިވާ ބަޔާނަކީ، ކަން ހިނގާފައިވާ ގޮތް އޮޅުވާލުމަށްޓަކައި ދީފައިވާ ބަޔާނެއްކަން ތަހުގީގަށް ފާހަގަކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.