Last Updated: June 20, 23:30
Monday, June 21, 2021
ޚަބަރު

ބޮމުގެ ހަމަލާގައި އަނިޔާވި މީހާ އަށް ޖެންޑާ އިން އެހީވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓު ހަމަލާގެ ތަހްގީގުގައި ފުލުހުން ހަރަކާތްތެރިވަނީ، ފޮޓޯ: ޕޮލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާގަައި އަނިޔާވި މީހާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ސޯޝަލް ސާރވިސަސް އިން ބުނެފިއެވެ.

ބޮމުގެ ހަމަލާދިން ވަގުތު އެސަރަހައްދުގައި ހުރި ހދ. ވައިކަރަދޫ އާދަމް އުމަރުގެ ފަޔަށް ވަރަށް ބޮޑަށް އަނިޔާ ލިބިފައެވެ. އެގޮތުން އާދަމްގެ ވަޒީފާ ދޫކޮށްލަން ޖެހުމުގެ ސަބަބުން މާލީ ހާލަތު ދަށްވެފައިވާއިރު، އެހީއަށް އެދި ޖެންޑަރ މިނިސްޓްރީއަށް ފޮނުވި ސިޓީ އަށް ޖަވާބެއް ނުލިބޭތާ އެތައް ދުވަހެއް ވެފައިވާ ކަމަށް އާދަމްއާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެގޮތުން އެ އަނިޔާއާ ގުޅިގެން ހޮސްޕިޓަލަށް ދައްކަން ޖެހުނު 400 ރުފިޔާ އާސަންދައިން ކަށަވަރުކޮށްދިން ނަމަވެސް އެހެން އެއްވެސް އެހީތެރިކަމެއް މިހާތަނަށް ލިބިފައި ނުވާ ކަމަށްވެސް އާދަމް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ޒަޚަމްވި މީހުންގެ ތެރެއިން ފަރާތެއް މިނިސްޓްރީގެ އެހީތެރިކަމަށް އެދިފައިވާ ކަމަށާއި މިކަމާ ގުޅިގެން މި މިނިސްޓްރީގެ މެންޑޭޓުގެދަށުން ފޯރުކޮށްދެވޭނެ އެހީގެ މަޢުލޫމާތު އެ ފަރާތަށް ކިޔާދެވިފައިވާ ކަމަށެވެ.

އަދި މިނިސްޓްރީގެ ސަމާލުކަމަށް މިކަން އައި ދުވަހުން ފެށިގެން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއާ ގުޅިގެން އެފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.