Last Updated: June 20, 23:30
Monday, June 21, 2021
ޚަބަރު

އަފްގާނިސްތާނުގެ ޕްރޮވިންސަކަށް ރާއްޖެ ވާކަށް ބޭނުމެއް ނޫން

ހަސަން އަފީފް - ފޮޓޯ: މަޖިލިސް

އަފްގާނިސްތާނުގެ ޕްރޮވިންސަކަށް ރާއްޖެ ވާން ބޭނުން ނުވާ ކަމަށް ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ ހަވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ މާލޭގެ އެންމެ ކާރުބޮޑު މަގު ކަމަށްވާ، މަޖީދީމަގުގައި ބޮމެއް ގޮއްވާލުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި މިއީ ހަމައެކަނި ނަޝީދަށް ދެވުނު ހަމަލާއެއްގެ ގޮތުގައި ބަލައިގަނެގެން ކުރިއަށް ދެވެން ނެތް ކަމަށެވެ.

އެގޮތުން އެ ހަމަލާ ސިފަކުރަނީ ދިވެހި ރައްޔިތުންނަށް ދެވުނު ހަމަލާއެއްގެ ގޮތުގައި ކަމަށާއި، މަޖީދީމަގު ނުވަތަ އެނޫން ވެސް މަގެއްގައި ބޮމެއް ގޮއްވާލައިގެން ރައްޔިތުންގެ ތެރެއިން އެތައް ބަޔަކަށް އަނިޔާވެ، ފުރާނަ ނުދާނީ ކޮން އިރަކުކަން ވެސް ބުނަން ނޭނގޭ ހިސާބަށް ކަންތައްތައް ގޮސްފައިވާ ކަމަށްވެސް އަފީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން މި ގައުމު، އަފްގާނިސްތާނުގެ ކަންދަހާރު ޕްރޮވިންސަށް ވާކަށް. އެފަދަ އަމަލުތައް މި ގައުމުގައި ހިންގުމަކީ ދިވެހި އެއްވެސް ރައްޔިތަކު ބޭނުންވާނެ ކަމެއް ނޫން" އަފީފް ވިދާޅުވިއެވެ.

މީގެއިތުރުން އަފީފް ވަނީ ހިޔާލުތަފާތުވުން އޮތް ނަމަވެސް އެކަކު އަނެކަކަށް ވާހަކަަ ދެކެވެން ވާނެ ކަމަށާއި މިހާ ހިސާބަށް ގައުމުގެ ހާލަތު އައީ ކުރަން ހުރި ބައެއް ކަންކަމުގައި ފަރުވާ ކުޑަކުރެވިގެން ކަމަށް ވިދާޅުވެފައެވެ. އެގޮތުން އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަފްރާޝިމް އަލީ އާއި މާލޭގެ މަގުމަތިން އެތައް ބައެއްގެ ފުރާނަ ދުއްވާލިއިރު އެ މަރުތަކުގެ އަޑިއަށް މިހާތަނަށް ދެވިފައި ނުވާ ކަމަށާއި އަދި އެކަން ކުރީ ކޮން ބައެއްކަން ވެސް ހޯދިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ނަޝީދަށް ދެވުނު ހަމަލާއަކީ މުޅި ގައުމަށާއި، އެމްޑީޕީ އަދި ރައްޔިތުންނަށް ދެވުނު ހަމަލާއެއް ކަމަށާއި މިއީ މަޑުން ތިބެވެން އޮތް ކަމެއް ނޫން ކަމަށް އަފީފް ވިދާޅުވިއެވެ. އެގޮތުން މިކަމުގެ އެންމެ ފުންމިނަށް ގޮސް މިކަން ރޭވި މީހުންނާއި، މިކަމުގައި ބައިވެރިވި މީހުން އަދި މިކަމަށް ފަންޑު ކުރި މީހުން ހޯދަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.