Last Updated: April 18, 11:45
Thursday, April 18, 2024
ދުނިޔެ

ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް އަތުވެއްޖެ

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަން 12 އަހަރުވީ ވެރިކަން ނިމުމަކަށް އަތުވެއްޖެއެވެ.

ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް އައިސްފައިވަނީ އާ ސަރުކާރެއް އެކުލަވާލުމަށް އެގައުމުގެ އިދިކޮޅު ހުރިހާ ޕާޓީތަކުން އެކުލަވާލި ކޯލިޝަނަށް އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން މިރޭ ރުހުން ދިނުމާ ގުޅިގެންނެވެ. އެގޮތުން އިދިކޮޅު ކޯލިޝަނަށް ރުހުން ދިނުމަށް ގާނޫނު ހަދާ މަޖިލީހުގެ 60 މެމްބަރުން ވޯޓު ދެއްވިއެވެ. ދެކޮޅަށް ވޯޓު ދެއްވީ 59 މެމްބަރުންނެވެ.

އާ ސަރުކާރެއް އެކުލަވާލުމަށް ދިން މުހުލަތު ހަމަވިއިރު ނަތަންޔާހޫ އަށް އެކަމުގައި ކާމިޔާބެއް ލިބިފައި ނުވުމުން އެ ފުރުސަތު ދިނީ އެގައުމުގެ އިދިކޮޅު ސެންޓްރިސްޓް ޕާޓީގެ ލީޑަރު ޔެއާ ލަޕިދް އަށެވެ. އެގޮތުން ލަފިދް ވަނީ މި މަހުގެ ކުރީކޮޅު އެގައުމުގެ އިދިކޮޅު 8 ޕާޓީއާއެކު ސަރުކާރު އެކުލަވާލުމަށް އެއްބަސްވުމަކަށް އައިސްފައިވާކަން އިއުލާންކުރައްވާފައެވެ. އޭގެތެރޭގައި އިޒްރޭލުގެ އަރަބް އިސްލާމިކް ޕާޓީ ވެސް ހިމެނެއެވެ.

އިދިކޮޅު ޕާޓީތަކުން އެކުލަވާލި ކޯލިޝަން އެއްބަސްވުމުގައިވާ ގޮތުން 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެގައުމުގެ ބޮޑުވަޒީރުކަން އަދާކުރައްވާނީ އިޒްރޭލުގެ އިދިކޮޅު އެންމެ ބޮޑު އެއް ޕާޓީ ކަމަށްވާ އަލްޓްރާ ނޭޝަނަލިސްޓް ޕާޓީގެ ލީޑަރު ނަފްތާލީ ބެނެޓްއެވެ. އަދި އޭގެފަހުން އެގައުމުގެ ބޮޑުވަޒީރުކަން ކުރައްވާނީ ލަފިދް ކަމަށްވެސް އެ އެއްބަސްވުމުގައި ބުނެފައިވެއެވެ.

12 އަހަރު ވަންދެން އިޒްރޭލުގެ ވެރިކަމުގެ މަގާމުގައި ހުންނެވި ނަތަންޔާހޫ އަށް މަގާމު ގެއްލިފައިވާއިރު އޭނާގެ މައްޗަށް އަންނަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އުފުލައި ޝަރީއަތް ވެސް ކުރަމުންނެވެ.