Last Updated: April 24, 19:12
Wednesday, April 24, 2024
ޚަބަރު

ހިޔާނާތުގެ ފައިސާގައި ޖެހުނު މީހެއް މި އުޑުދަށުގައި ނެތް: ދިޔާނާ

ކުރީގެ އޭޖީ ދިޔާނާ ސައީދު - ފޮޓޯ: ސަން

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ޖެހުނު މީހެއް ނެތް ކަމަށާއި އެންމެ ރަނގަޅުވާނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އުވާލުން ކަމަށް ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިހެން ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ މައްސަލާގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލާގައި އިތުރު ހެކިތަކާ ގުޅޭ ލިޔުންތައް ހުށަހަޅަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އޭސީސީ އަށް އެންގުމާ ގުޅިގެންނެވެ.

އެގޮތުން ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތެދު ތެދަށް ހިޔާނާތުގެ މައްސަލަ ބަލައިފިނަމަ އެމްއެމްޕީއާރްސީގެ ފައިސާގައި ޖެހުނު އެއްވެސް މީހަކު މިއުޑު ދަށުގައި ނެތްކަން އިނގޭނެ ކަމަށެވެ. އަދި މިހާރު ބޮޑަށް ރަނގަޅުވާނީ ރައްޔިތުންގެ ފައިސާ އިން ބޭކާރު ހަރަދުކުރުން ހުއްޓާލައި އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަން އުވާލުން ކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.

އަދި ބަހައްޓަންވީ ހަމައެކަނި ޕީޖީ އޮފީސް ކަމަށާއި އެއީ އެ އޮޮފީހަށް އުފެއްދުންތެރި ދައުރެއް އޮތުމުން ކަމަށް ދިޔާނާ ވިދާޅުވިއެވެ.

"އެ ދައުރަކީ ރިހާކުރު ފުޅި ވަގަށް ނަގާ މީހާ އާއި ގޭދޮށަށް ވެއްޓޭ ބަނބުކެޔޮ ވަގަށް ނަގާ މީހާގެ މައްޗަށް ވައްކަމުގެ ދައުވާ އުފުލާ މިފަދަ ބޮޑެތި ޖަރީމާތަކުން މުޖުތަމައު ސާފުކޮށްދިނުން" ދިޔާނާ ވިދާޅުވިއެވެ.

މަހުލޫފްގެ މައްސަލައިގައި އޭސީސީން ބުނެފައިވަނީ އޭނާ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި 33,000.00 އެމެރިކާ ޑޮލަރު ގަބޫލުކުރިކަމަށެވެ.

އެ މައްސަލަ އޭސީސީން ޕީޖީއަށް ފޮނުވާފައިވާއިރު އެ މައްސަލައާ ގުޅިގެން މަހުލޫފް ހުރީ މަގާމުގެ މައްސޫލިޔަތުތަކުން އެކަހެރި ކޮށްފައެވެ.