Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ނަފުރަތުގެ ބިލު ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ފުށުއަރާ: ޑީއެންއޭ

އަގީދާއާ ގުޅުވައިގެން ނަފްރަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހަދަން ޤާނޫނުލްއުޤޫބާތު އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ބިލުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުށުއަރާ ކަމަށް ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އިން ބުނެފިއެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލުގެ އެއް ވަނަ ނަމްބަރުގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވުމުން، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ނުވަތަ ދީނާ ދެކޮޅު މީހެއް ކަމަށް އާއްމު ތަނެއްގައި ބުނުން ވާނީ ޖަލު ހުކުމެއް އަންނާނެ ކުށަކަށެވެ.

އެ މާއްދާ އެހެން އޮންނާތީ ބައެއް ދީނީ އިލްމުވެރިންނާއި އާއްމުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން 101 އިލްމުވެރިޔަކު ސޮއިކޮށް އެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދާދިފަހުން ވަނީ ޕެޓިޝަނެއް ފޮނުއްވާފައެވެ.

އެ ބިލާ ގުޅިގެން ޑީއެންއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އެއީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާ އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާނޭ ގޮތުގެ މަތިން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުށުއެރުމަށް މަގުފަހިވެފައިވާ ގޮތަށް ހުށަހެޅިފައިވާ އިސްލާހެއް ކަމަށެވެ.

"އެއްވެސް ގާނޫނަކަށް އެއްވެސް އިސްލާހެއް ހުށަހަޅަން ވާނީ ގާނޫނު އަސާސީއާ ހިލާފުނުވާނޭ ގޮތަށް ކަމުގައި ދެކެން. އެހެންކަމުން މި އިސްލާހަކީ ބަލައިގަނެވޭނެ ބަދަލެއް ނޫން ކަމުގައި ދެކި މިކަން ހަރު އަޑުން ކުށްވެރި ކުރަން،" ޑީއެންއޭއިން ބުންޏެވެ.

އަދި މިގޮތަށް ހުށަހެޅޭ އިސްލާހުތަކަކީ އެ އިސްލާހު ތަކެއް ފާސްވެއްޖެނަމަ ކުރިމަގުގައި ގައުމަށް ބޮޑެތި ގެއްލުންތަކެއް ވާނޭ ކަންކަން ކަމުގައި ވާތީ މިފަދަ ބަދަލުތަކުގެ ސަބަބުން ވަގުތުން ވަގުތަށް އެކަންކަން ނުފެނުނު ކަމުގައިވިއަސް މިއީ ރާއްޖޭގެ ފަހުގެ ޖީލުތަކަށް މީގެން ބޮޑެތި އަސަރުތަކެއް ކުރާނޭ ކަންކަން ކަމަށްވެސް ޑީއެންއޭ އިން ބުނެއެވެ.

މީގެ އިތުރުން ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު މި އިސްލާހާ ނުރުހުންވެފައި ތިބިކަން ސަރުކާރަށް އެނގޭ ހިނދުވެސް އިތުރަށް ގައުމުގެ އަމަން ނަގާލަން މިފަދަ އިސްލާހެއް ހުށަހެޅުމަށްޓަކައި ހިތްވަރު ދީފައިވާތީ މިއީ އަދުލް އިންސާފަށް ބަލާއިރު ވަކި ބައެއްގެ ހިމާޔަތުގައި ތެދުވެވޭ ތެދުވެވުމެއްކަން ޑީއެންއޭ އިން ވަނީ ފާހަގަކޮށްފައެވެ.

އަދި މި އިސްލާހުގައި ވަކި ބައެއްގެ ހައްގު ކަށަވަރުކޮށް، އެހެން މީހުން ވަނީ އެ ހައްގުތަކުން މަހުރޫމު ކޮށްފައި ކަމަށާއި އެހެންކަމުން މި ބިލު އަނބުރާ ގެންދިއުމަށް ޑީއެންއޭ އިން ވަނީ ސަރުކާރަށް ގޮވާލައިފައެވެ. އޭގެ އިތުރުން ގާނޫނަށް ގެނެވޭ މިފަދަ ބަދަލުތައް ގެނެވެންވާނީ ރާއްޖޭގެ ދީނީ އިލްމުވެރީންނާ މަޝްވަރާ ކުރެވި އެބޭފުޅުންގެ ލަފަޔާއި ރައުޔާ ހިލާފު ނުވާނޭ ގޮތަށް ކަމަށްވެސް ޑީއެންއޭގެ ބަޔާނުގައި ބުނެފައިވެއެވެ.