Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

އިތުރު ވެކްސިނެއް ބޭނުން ކުރުމަށް ރާއްޖެއިން ހުއްދަ ދީފި

ކޮވިޑް-19 އިން ދިފާއުވުމަށް އިތުރު ވެކްސިނެއް ބޭނުން ކުރުމަށް ރާއްޖެއިން ހުއްދަ ދީފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) ބޭނުން ކުރުމަށް ހުއްދަ ދިފައިވަނީ އެސްޓްރާ ޒެނެކާގެ އުފެއްދުމެއް ކަމަށްވާ "ކޮވިޑް-19 ވެކްސިން އެސްޓްރާ ޒެނެކާ" ވެކްސިނަށެވެ.

އެމްއެފްޑީއޭއިން ބުނީ، މި ވެކްސިން ބޭނުން ކުރުމަށް ހުއްދާ ދީފައިވަނީ މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޓުއޭޝަން" ގައި ބޭނުން ކުރުމަށާއި އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުމަށް ކަމަށެވެ.

އެމްއެފްޑީއޭއިން ބުނީ، މި ވެކްސިންތައް ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ އެކަމުގައި ފުރިހަމަ ކުރަން ޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަކަ ކުރުމަށްފަހު ބަލަން ޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށް އަދި އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝަނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާ އެކު ކަމަށެވެ.

މި ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އެމަޖެންސީ ޔޫސް ލިސްޓުގައި ހިމެނޭ އަދި މިހާތަނަށް 115 ގައުމެއްގައި ކުއްލި ހާލަތުގައި ބޭނުން ކުރަމުން އަންނަ ވެކްސިނެވެ.

އެމްއެފްޑީއޭ އިން ބުނީ، މި ދެ ވެކްސިންވެސް ބަހައްޓަން ޖެހެނީ 2 ޑިގްރީ ސެލްސިއެސް އާއި 8 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ ފިނިހޫނުމިނެއްގައި ކަމަށެވެ.

އެހެންކަމުން އެ އޮތޯރިޓީން ދެ ވެކްސިނަށް ހުއްދަ ދީފައިވާނީ، ވެކްސިން ރާއްޖެ އެތެރެ ކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި ވެކްސިން އެތެރެ ކުރުމަށްފަހުގަޔާއި އަދި އެހިފައިގެން ގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގައިވެސް "ކޯލްޑް ޗެއިން" ބެލެހެއްޓުމަށް ޝަރުތުކޮށްގެން ކަމަށް ބުނެފައިވެއެވެ.

މިއީ ރާއްޖޭގައި ބޭނުން ކުރުމަށް ހުއްދަ ދިން ހަތްވަނަ ވެކްސިނެވެ.