Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

މަޖިލީހަށް ކޮންމެ ދުވަހަކު ދިޔުމަކީ ބޭނުން ކަމެއް ނޫން: ސިޔާމް

މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ކޮންމެ ދުވަހަކު ދިޔުމަކީ ކޮންމެހެން ބޭނުން ކަމެއް ނޫން ކަމަށް މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ވިދާޅުވެއްޖެއެވެ.

ސިޔާމް އަކީ މަޖިލީހުގެ ޖަލްސާތަކަށް އެންމެ މަދުން ވަޑައިގަންނަވާ މެމްބަރު ކަމަށްވާއިރު، ގިނަ ދުވަސްތަކަކަށްފަހު އޭނާ ވަނީ ދާދިފަހުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ އިންކުއަރީ ކުރިއަށްގެންދާ 241 ކޮމެޓީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައެވެ.

ސީއެންއެމް އިން ރޭ ގެނެެސްދިން "އިތުރުކާފު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ ކޮންމެ ދުވަހަކު މަޖިލީހަށް ވަޑައިގެން ބޭކާރު ނުވަތަ ރައްޔިތުންނަށް ފައިދާ ނުކުރާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރަން ނުޖެހޭ ކަމަށާއި އެގޮތުން ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ކަންކަން ކުރުމަކީ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ.

"މަޖިލީހުގެ އެންމެ ހާއްސަ ކަންތައްތަކުގައި އަޅުގަނޑު އަބަދުވެސް މަޖިލީހަށް ދަން. މަޖިލީހަށް ކޮންމެ ދުވަހަކު ގޮސް އެތާ ފޫކޮޅު ހަރައިގެން އިނުމަކީ ކޮންމެހެން ބޭނުން ކަމެއް ނޫން" ސިޔާމް ވިދާޅުވިއެވެ.

އަދި 241 ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ފޮރުވިފައިވާ އެޖެންޑާއެއް އޮވެގެން ނޫން ކަމަށާއި އޭނާ އަކީ ފޮރުވައިގެން އެޖެންޑާ ގެންގުޅޭ މީހެއް ނޫން ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ. އެގޮތުން ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއަކީ މުޅި ގައުމަށް ލިބިގެންދިޔަ ބޮޑު ގުޑުމެއް ކަމަށާއި ހަމަލާއާ ގުޅިގެން ހިނގާފައިވާ ކަންކަން 241 ކޮމިޓީން ބަލަމުންދާއިރު އެ ކޮމިޓީ އަށް ދިޔުމަކީ ކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑަކީ އަބަދުވެސް ހާއްސަ މުހިއްމު ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިއްޖެއްޔާ ނޫނީ އެކަން ގަބޫލުކުރެވޭނަމަ އަބަދުވެސް މަޖިލީހަށް ދާ މީހެއް" ސިޔާމް ވިދާޅުވިއެވެ.