Last Updated: April 25, 11:25
Thursday, April 25, 2024
ޚަބަރު

ރައްޔިތުން އެދޭނަމަ ވެރިކަމަށް ވާދަކުރާތަން ވެސް ފެނިދާނެ: ސިޔާމް

އަހުމަދު ސިޔާމް - ފޮޓޯ: ޕީޕީއެމް

ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވެރިކަމަށް ކުރިމަތިލާން އެދިއްޖެނަމަ އެކަން ކުރައްވާތަން ވެސް ފެނިދާނެ ކަމަށް މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ވިދާޅުވެއްޖެއެވެ.

ސީއެންއެމް އިން ރޭ ގެނެެސްދިން "އިތުރުކާފު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ ވެރިކަމަށް ކުރިމަތިލުމުގެ ވިސްނުން އަދި މިހާތަނަށް ނެތް ކަމަށާއި އަދި މިހާރުވެސް ކުރައްވަމުން ގެންދަވަނީ ވަރަށް ބޮޑު ވެރިކަމެއް ކަމަށެވެ. އަދި އެހެންކަހަލަ ވެރިކަމެއް ކުރައްވަން ވެސް މާތް ﷲ ހިތައްވައްދަވައިފި ނަމަ އެކަން ވެސް ކުރައްވާނެ ސިޔާމް ވިދާޅުވިއެވެ.

އަދި ވެރިކަމަށް ކުރިމަތިލެވޭނީ ވަކި ހާލާތްތަކެއް މެދުވެރިވެގެން ކަމަށާއި އެގޮތުން އެ ހާލަތްތަކަކީ ޕާޓީގެ ތެރެއިން ގިނަ ބަޔަކު އެކަން ކުރުމަށް އެދުމާއި، ރައްޔިތުންގެ ތެރެއިން އެފަދަ ކަމެއް ކުރުމަށް އެދުން ކަމަށް ސިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑު ސިޔާސީ މައިދާނަށް އައީ ރައްޔިތުން އާދޭސްކޮށްގެންނޭ. އެހެންވީމަ ދެންވެސް ރިޔާސީ ޓިކެޓެއް ހޯދައިގެން ރައީސް ކަމަށް ކުރިމަތިލާނީ ވެސް ރައްޔިތުން އެދިގެން. ރައްޔިތުންގެ ގިނަ ބަޔަކު އެދިއްޖެ ހާލަތެއްގައި ފެނިދާނެ އިނގޭތޯ" ސިޔާމް ވިދާޅުވިއެެވެ.

މީގެއިތުރުން ސިޔާމް ވަނީ އެއްވެސް ކެންޑިޑޭޓެއްގެ ނައިބެއްގެ މަގާމަށް ވަޑައިނުގަންނަވާނެ ކަމަށާއި އެގޮތުން އުމުރުން 13 އަހަރުން ފެށިގެން އޭނާ އުޅެމުން އަންނަނީ އަމިއްލަ މިނިވަންކަން މަތީގައި ކަމަށް ވިދާޅުވެފައެވެ. އަދި މީހެއްގެ ދަށުގައި ހުރެގެން މަސައްކަތް ކުރުމަކީ އަމިއްލަ ޟަމީރު ވެސް ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ނައިބު ރައީސް އަކީ ސެކެޓްރީއެއް ނޫންތޯ. ރައީސް ބުނި ކަމެއް، ބުނިގޮތަކަށް ކުރަން ހުންނަ މީހެއް، އެ ނިމުނީ. ދެން އޮތީ ވަޒީރުކަން. ވަޒީރުކަމަކީ ވެސް ރައީސް ބުނާހާ ކަމެއް ކުރުން. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މީހެއްގެ ދަށުގައި ހުންނާކަށް" ސިޔާމް ވިދާޅުވިއެވެ.