Last Updated: March 29, 10:16
Friday, March 29, 2024
ޚަބަރު

ޑެޕިއުޓީ މޭޔަރު ހޮވުމުގައި އެއްވެސް ނުފޫޒެއް ނެތް: ޕީޕީއެމް

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން މީހަކު ހޮވުމުގައި އެއްވެސް ނުފޫޒެއް ނެތް ކަމަށް އެ ޕާޓީން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޑެޕިއުޓީ މޭޔަރު ކަނޑައެޅުމުގެ ކަންކަން ކުރިއަށް ދިޔައީ ޕާޓީން ނެރެފައިވާ ސާކިއުލާއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެގޮތުން އެކަކަށް ވުރެ ގިނަ ބޭފުޅުން ޝައުގުވެރިވުމުން އިއްޔެ ކައުންސިލު މެމްބަރުންގެ މެދުގައި އިންތިހާބެއް ބޭއްވި ކަމަށާއި މިކަމުގައި އެއްވެސް ނުފޫޒެއް ނެތް ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ފަރާތެއް ހޮވުމަށް އިއްޔެ ބޭއްވި އެތެރޭގެ އިންތިހާބުގައި ވާދަކުރެއްވީ ފަންނު މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ނަރީޝް އާއި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާޙިމް ޝުޖާއު އާއި ވިލިމާލެ ދައިރާގެ ކައުންސިލަރު ނަހުލާ އަލީ އެވެ.

އެތެރޭގެ އިންތިހާބުގައި ނަހުލާ އަދި ޝުޖާއަށް ލިބިފައިވަނި ހަތަރު ވޯޓެވެ. އަދި ނަރީޝްއަށް ފަސް ވޯޓު ލިބިފައިވެއެވެ. އެއާއެކު ޕީޕީއެމްގެ މެޖޯރިޓީ އޮތް ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ވަނީ ނަރީޝް އެ މަގާމަށް އިންތިހާބުކޮށްފައެވެ.

ނަރީޝް އެ މަގާމަށް އިންތިހާބު ކުރިއިރު، އެ މަގާމަށް އަންނާނެ ކަމަށް އެންމެ ބޮޑަށް ކުރިން ބެލެވިފައި އޮތީ ޝުޖާއު އެވެ. ޝުޖާއު އަކީ އިދިކޮޅު ހަރަކާތްތަކުގައި ވަރަށް އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ ފަރާތެކެވެ.