Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ނަފްރަތުގެ ބިލު އަނބުރާ ގެންދިޔުމަށް އެމްޑީއޭ އިން ގޮވާލައިފި

އެމްޑީއޭގެ ގައުމީ ކައުންސިލް - ފޮޓޯ: އެމްޑީއޭ

އަގީދާއާ ގުޅުވައިގެން ނަފްރަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހަދަން ޤާނޫނުލްއުޤޫބާތު އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ބިލު އަނބުރާ ގެންދަން މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ގޮވާލައިފި އެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލުގެ އެއް ވަނަ ނަމްބަރުގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވުމުން، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ނުވަތަ ދީނާ ދެކޮޅު މީހެއް ކަމަށް އާއްމު ތަނެއްގައި ބުނުން ވާނީ ޖަލު ހުކުމެއް އަންނާނެ ކުށަކަށެވެ.

އެ މާއްދާ އެހެން އޮންނާތީ ބައެއް ދީނީ އިލްމުވެރިންނާއި އާއްމުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން 101 އިލްމުވެރިޔަކު ސޮއިކޮށް އެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދާދިފަހުން ވަނީ ޕެޓިޝަނެއް ފޮނުއްވާފައެވެ.

އެކަމާ ގުޅިގެން އެމްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ބިލުގެ ސަބަބުން ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާނެ ގޮތުގެ މަތިން ހިޔާލުފާލުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކުރެވިގެންދާ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އަދި އިސްލާމްދީނުގެ މުހިންމު އެއް އަސާސްކަމުގައިވާ މުންކަރާތްތައް ނަހީކުުރުމުގެ ދޮރު ބަންދުވެގެންދާގޮތަށް ބިލު ފަރުވާކުރެވިފައި އޮތް ކަމަށް ރާއްޖޭގެ ގިނަ އިލްމުވެރިން ވިދާޅުވަމުން ގެންދަވާކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

"ވީމާ އަސާސީ ހައްގެއް ހަނިކުރުމުގައި އިސްލާމީ އެފަދަ މުހިންމު ވާޖިބަކަށް ހުރަސް އެޅޭ ފަދަ ގޮތަކަށް ގާނޫނެއް ވުޖޫދަށް ގެނައުމަކީ, އިސްލާމްދީނާ ހިލާފު އެއްވެސް ގާނޫނެއް ނުހެދުމަށް ގާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ށ)އިން ލާޒިމްކުރާ އުސޫލާ ހިލާފަށް ކުރެވޭ އަމަލަކަށް ވާނެ" އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ނަމުގައި ޖަމާއަތެއް ހަދައިގެން އުޅުނު ބަޔަކު މާތްالله އަށާއި ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ބަދު ބަސްތައް ރައްދުކޮށް ރިޕޯޓެއް ލިޔެ އާންމުކޮށްފައިވާއިރު އެފަދަ ކަންކަމަކީ ދެން ވެސް ނުހިނގާނެ ކަމެއްކަން ބެލެވެން ނެތް ކަމަށްވެސް އެމްޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

"ވީމާ މިފަދަ ގޮތަށް އޮތް ބިލެއް ފާސްވެއްޖެނަމަ, ކުރިމަގުގައި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ރައްޔިތުންގެ ޝުއޫރުތައް ފާޅުކޮށް ކަމާބެހޭ ފަރާތްތަކާ ހަމައަށް އަޑުއިއްވުމުގެ ދޮރު ބަންދުވެގެންދާނެ" އެމްޑީއޭ އިން ބުންޏެވެ.

އެހެންކަމުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އެ އިސްލާހުގެ ބިލު އަނބުރާ ގެންދިޔުމަށް ކަމާބެހޭ ފަރާތްތަކަށް އެމްޑީއޭ އިން ވަނީ ގޮވާލާފައެވެ.