Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

ޕާޓީގެ އެއްވެސް ހަރަކާތެއްގައި ޔާމީން ބައިވެރިއެއް ނުވޭ: ޕީޕީއެމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: މިހާރު

ގޭގައި ހުންނަވައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެކި ހަރަކާތްތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ޕީޕީއެމް އިން ދޮގުކޮށްފިއެވެ.

ޖަލުގައި ކޮވިޑް-19 ފެތުރެމުންދާތީ ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދަށް ބަދަލުކޮށްފައި ކަމަށްވާއިރު، ގޭގައި ހުންނަވައިގެން ޔާމީން ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވަމުންދާ ކަމަށް "ރާއްޖެއެމްވީ" އިން މިއަދު ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމާ ގުޅިގެން ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ޚަބަރަކީ އެއްވެސް ވަރަކަށް ކަމުގެ މަޢުލޫމާތު ސާފުކުރުމެއް ނެތި، ނޫސްވެރިކަމުގެ އުސޫލުތަކާއި އަޚްލާޤީ މިންގަނޑުތަކުގެ ބޭރުން އަދި ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއްގެ މައްޗަށް އުފަން ކުރުވާފައިވާ ދޮގު ޚަބަރެއް ކަމަށެވެ.

"އެ ޚަބަރުގައި ރައީސް ޔާމީން ވީޑިއޯ ކޮންފަރަންސް ތަކުގައި ބައިވެރިވެވަޑައިގަންނަވާ ކަމާއި، ލީޑަރޝިޕް އަދި ކައުންސިލް ގްރޫޕްތަކުގައި ވާހަކަފުޅު ދައްކަވާ ކަމަށް ބުނެފައިވާއިރު، ޕާޓީގެ އެފަދަ އެއްވެސް ޙަރަކާތެއްގައި މިހާތަނަށް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އަދި އެއްވެސް ބޭފުޅަކަށް ނުފޫޒު ފޯރުވައިގެން ކަމެއް ޙާސިލު ކުރައްވަން މަސައްކަތް ކުރައްވާފައި ނުވާކަންވެސް ހާމަކުރަމެވެ" އެ ބަޔާނުގައި ވެއެވެ.

އެ ހަބަރުގައި މާލޭގެ ޑެޕިއުޓީ މޭޔަރު ހޮވުމުގައި ވެސް ޔާމީން ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެފައިވާއިރު، ޕީޕީއެމުން ބުނީ މާލޭގެ ޑެޕިއުޓީ މޭޔަރު ހޮވުމުގައި ޕާޓީން ޢަމަލުކޮށްފައިވަނީ ޑިމޮކްރެޓިކް އުސޫލުތަކާއި އެއްގޮތް ވާގޮތުގެ މަތިން ކަމަށެވެ.

"އެހެން ކަމުން ރާއްޖެ.އެމްވީ ގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބަދުނާމުކޮށް ޝާއިޢުކޮށްފައިވާ ދޮގު ޚަބަރު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އަދި މި ދޮގު ޚަބަރާއި ގުޅިގެން މިފަދަ ކަންކަން ބެލުމަށް އުފައްދާފައިވާ ބްރޯޑްކާސްޓިން ކޮމިޝަން، މޯލްޑިވްސް މީޑިއާ ކައުންސިލް ފަދަ ދައުލަތުގެ މުއައްސަސާ ތަކުން މިކަން ބައްލަވާ ފިޔަވަޅު އެޅުއްވުމަށް ގޮވާލަމެވެ" އެ ބަޔާނުގައި ވެއެވެ.

އަދި ނޫސްވެރިންގެ ގޮތުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ސިޔާސީ ނުފޫޒުން އެއްކިބާވެގެން ތިބެ، ކަމުގެ ޙަޤީޤަތް ރައްޔިތުންނާއި ހަމައަށް ގެނެސް ދިނުމުގައި ޒިންމާދާރު ކަމާއެކު ޕްރޮފެޝަނަލް މިންގަނޑުގެ ތެރޭގައި މަސައްކަތް ކުރުމަށްވެސް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.