Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ޔާމީނަށް ވައިބާ ގްރޫޕްތައް ބޭނުންކުރުމުގެ ހުއްދަ ކަރެކްޝަންސް އިން ނުދިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ސަން

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވައިބާ ގްރޫޕްތައް ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދީފައި ނުވާ ކަމަށް އެމަނިކުފާނުގެ ވަކީލުން މިއަދު ވިދާޅުވެއްޖެއެވެ.

ޔާމީންގެ ވަކީލުން މިހެން ވިދާޅުވެފައިވަނީ ގޭގައި ހުންނަވައިގެން ޔާމީން ސިޔާސީ ހަރަކާތް ހިންގަވަމުން ގެންދަވާ ކަމަށް ބުނެ "ރާއްޖެއެމްވީ" ގައި މިއަދު ރިޕޯޓުކޮށްފައިވާ ހަބަރަކާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

އެގޮތުން އެ ބަޔާނުގައި ބުނީ ޔާމީން ގޭގައި ހުންނަވައިގެން ސިޔާސީ ހަރަކާތް ހިންގަވާ ކަމަށް ބުނެ އެ ހަބަރުގައި ލިޔެފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އެގޮތުން ޔާމީން ގެއަށް ބަދަލު ކުރެވުނުއިރު، ފޯނު ބޭނުން ކުރުމުގެ ހުއްދަ ކަރެކްޝަންސް އިން ދެއްވާފައިވީ ނަމަވެސް ޕީޕީއެމްގެ ވަޓްސްއެޕް، ވައިބާ، ގްރޫޕްތައް ފަދަ ގްރޫޕްތައް ބޭނުން ކުރުމުގެ ހުއްދައަކަށް އެދި ކަރެކްޝަންސް އަށް ހުށަހެޅުމުން އެފަދަ ހުއްދައެއް ދެވެން ނެތް ކަމަށް އަންގާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން ކަރެކްޝަންސް އިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފު އެއްވެސް އަމަލެއް ޔާމީން ކުރައްވާފައި ނުވާ ކަމަށާއި ޕީޕީއެމްގެ ލީޑަޝިޕް ގްރޫޕްތަކާއި ޕާޓީގެ ކައުންސިލް ގްރޫޕްތަކުގެ އިތުރުން އެ ނޫން ވެސް އެފަދަ އެއްވެސް ގްރޫޕެއްގައި ޔާމީން މުއާމަލާތް ކުރައްވާފައި ނުވާ ކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.

އަދި އެ ހަބަރަކީ ފިތުނަ އުފެއްދުމުގެ މަގުސަދުގައި ލިޔެފައިވާ ދޮގު ހަބަރެއް ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް ވަކީލުން ވިދާޅުވިއެވެ. އަދި ޔާމީންއާ ގުޅޭގޮތުން ދޮގު ހަބަރުތައް ނުފެތުރުމަށް ނަސޭހަތްތެރިވާ ކަމަށާއި، އެފަދަ ކަންކަން ކުރާ ފަރާތްތަކާ ދޭތެރޭ ގާނޫނީ ފިޔަވަޅު އެޅުމުގައި ފަސް ނުޖެހޭނެ ކަމަށްވެސް ވަކީލުން ވަނީ ވިދާޅުވެފައެވެ.