Last Updated: April 20, 08:45
Saturday, April 20, 2024
ޚަބަރު

ނަފްރަތުގެ ބިލު އަވަހަށް ފާސްކޮށްދޭން އެމްޑީޕީން ގޮވާލައިފި

ފޮޓޯ: އެމްޑީޕީ

އަގީދާއާ ގުޅުވައިގެން ނަފްރަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހަދަން ޤާނޫނުލްއުޤޫބާތު އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ބިލު ފާސްކޮށްދިނުން އަވަސް ކުރުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލުގެ އެއް ވަނަ ނަމްބަރުގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވުމުން، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ނުވަތަ ދީނާ ދެކޮޅު މީހެއް ކަމަށް އާއްމު ތަނެއްގައި ބުނުން ވާނީ ޖަލު ހުކުމެއް އަންނާނެ ކުށަކަށެވެ.

އެ މާއްދާ އެހެން އޮންނާތީ ބައެއް ދީނީ އިލްމުވެރިންނާއި އާއްމުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން 101 އިލްމުވެރިޔަކު ސޮއިކޮށް އެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދާދިފަހުން ވަނީ ޕެޓިޝަނެއް ފޮނުއްވާފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ދީން ހަތިޔާރަކަށް ބޭނުންކޮށްގެން، މުސްލިމުންގެ ބޮލުގައި ދީނާއި ގުޅުވައި ތަފާތު ލޭބަލްތައް އަޅުވައި، މުޖުތަމައުގައި ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފައްދައި، އާޚިރު ނަތީޖާއެއްގެ ގޮތުން، އެމީހުންގެ ލޭ ހުއްދަކަމަށް ބަޔަކަށް ޤަބޫލުކުރެވި، އެމީހުން މަރައި އަދި، ގެއްލުވާލުމުގެ ހާދިސާތަކެއް ދިވެހިރާއްޖޭގައި ހިނގާފައިވާތީ، ނަފްރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ ބޭނުމުގައި ކަމަށެވެ.

އަދި މި ބިލު ފާސްކުރުމަކީ ޤާނޫނު އަސާސީއިން ކޮންމެ ފަރުދަކަށްވެސް ލިބިގެންވާ ނަފްސު ރައްކާތެރިކުރުމާއި، ދިރިހުރުމުގެ ހައްޤު ކަށަވަރުކުރުމަށް ނުހަނު މުހިއްމު ކަމެއްކަމަށް ދެކޭ ކަމަށް އެމްޑީޕީން ބުނެއެވެ.

"މި ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ހިސާބުން ފެށިގެން މި ބިލާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ޝުއޫރުތަކެއް އުފައްދައި، މި ބިލަކީ ދީނާއި ޚިލާފު ބިލެއްކަމަށް ރައްޔިތުންނަށް ވިސްނަދޭން ބަޔަކު މީހުން ކުރަމުން ގެންދާ ނުރައްކާތެރި މަސައްކަތް މި ޕާޓީއިން ހަރުއަޑުން ކުށްވެރިކުރަމެވެ" އެމްޑީޕީން ބުންޏެވެ.

އަދި މި ބިލަށް ތާއިދުކޮށް ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ޕެޓިޝަނެއްގައި ސޮއިކުރަމުންދާ މި ދަނިޑިވަޅުގައި، މި ބިލާއި ދެކޮޅަށް ޕެޓިޝަނެއް ހަދައި، އެ ޕެޓިޝަނަށް ނެތް ތާއީދެއް އޮތްކަމަށް ދެއްކުމަށް ހީލަތްތެރި އުކުޅުތައް ބޭނުންކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

"މި ޕާޓީއިން އެދެނީ ވީހާވެސް އަވަހަކަށް މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ދީނާއި ގުޅުވައިގެން، މުޖުތަމައުގައި ވަކިވަކި ފަރުދުންނާމެދު ނަފްރަތު އުފެއްދުމުގެ އަމަލުތަކަށް ނިމުމެއް އައުމެވެ. އަދި ކޮންމެ ރައްޔިތަކަށްވެސް، އަމިއްލަ ނަފްސުގެ ރައްކާތެރިކަން އޮތް ތަނެއްގެ ގޮތުގައި މި ގައުމު ބިނާކުރުމަކީ މި ޕާޓީގެ އެންމެ އިސް އެއް އަމާޒެވެ" އެ ބަޔާނުގައި ވެއެވެ.