Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ލާއިންސާނީ އަމަލު ހިނގަނީ މުއައްސަސާތަކުގެ ފަރުވާ ކުޑަކަމުން: އިދިކޮޅު

ބިރުވެރި ލާއިންސާނީ ޢަމަލުތައް ހިނގަން މެދުވެރިވަނީ ދައުލަތުގެ މުއައްސަސާތަކުން އުފުލަން ޖެހޭ ޒިންމާތަކަށް އިހުމާލުވެ، ފަރުވާ ކުޑަ ކުރެވޭތީ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން މިހެން ބުނެފައިވަނީ އުމުރުން 13 އަހަރުގެ ކުޑަ ކުއްޖާ މަރާލި މައްސަލައާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެގޮތުން އެ ބަޔާނުގައި ބުނީ މިވަގުތު އެ ކުޑަ ކުއްޖާގެ ޢާއިލާއަށް ނަފްސާނީ ގޮތުން ކުރިމަތިވަމުން އަންނަ އުނދަގޫތަކަށް ފަރުވާ ދިނުން އަވަސް ކުރުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށާއި އަދި މި ލާއިންސާނީ ޢަމަލު ހިންގި ފަރާތްތަކުން މިޢަމަލު ހިންގާފައިވާ ސަބަބާއި، އެ ކުއްޖާ ގެއްލިގެން ރިޕޯޓް ކުރުމާއެކު، ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން އެ ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލު ރައްޔިތުންނަށް ހާމަކޮށްދިނުމަކީ މުޙިންމު ކަމަށެވެ.

އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ދައުލަތުގެ މައްޗަށް ލާޒިމު ކުރެވިފައިވާ ޒިންމާއެއް ކަމަށްވާއިރު، ޤައުމުގައި ހިނގާ މިފަދަ ބިރުވެރި ލާއިންސާނީ ޢަމަލުތައް ހިނގުމަށް މެދުވެރިވަމުން ދަނީ ދައުލަތުގެ އެންމެ އިސް ވެރިޔާ އާއި ހިސާބުން ފެށިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އުފައްދާފައިވާ ދައުލަތުގެ މުއައްސަސާތަކުން އުފުލަން ޖެހޭ ޒިންމާތަކަށް އިހުމާލުވެ، ފަރުވާ ކުޑަ ކުރެވޭތީ ކަމަށްވެސް އިދިކޮޅުން ބުނެއެވެ.

"އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާއާއި، ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން ޒިންމާ އިން ރެކުމަށް އިތުރު ބަހަނާތައް ދެއްކުމެއް ނެތި، މިފަދަ ކަންކަމަށް ދެވޭ ސަމާލުކަން އިތުރުކޮށް، މި އަނިޔާވެރި ޢަމަލު ހިންގުމުގައި ބައިވެރިވި އެންމެން ހޯދާ އެ ފަރާތްތަކަށް ޙައްޤު އަދަބު ދިނުން އަވަސް ކުރުމަށް ގޮވާލަމެވެ" އެ ބަޔާނުގައި ވެއެވެ.

އަދި މިޢަމަލު ގެ ފަހަތުގައިވާ ހުރިހާ ކަމެއްގެ ޙަޤީޤަތް ހޯދާ، ރައްޔިތުންގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.