Last Updated: April 20, 18:01
Saturday, April 20, 2024
ވިޔަފާރި

ބީއެމްއެލްގެ ސާވިސް ސެންޓަރުތައް މާދަމާ ހުޅުވަނީ

ބޭންކް އޮފް މޯލްޑިވްސް (ބިއެމްއެލް)ގެ ހިދުމަތްތައް ދިނުމަށް އެ ބޭންކުގެ ސާވިސް ސެންޓަރުތައް މާދަމާ ހުޅުވަން ނިންމައިފިއެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވުމަށް ހަމަޖެހިފައިވަނީ މާދަމާ އިން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ފެށިގެން މެންދުރުފަހު 2:00 އަށް ކަމަށެވެ. މިގޮތުން ދެމުންދާނީ އޮންލައިން އަދި ސެލްފް ސަރވިސް ބޭންކިންގ މެދުވެރިކޮށް ލިބެން ނުހުންނަ ހިދުމަތްތައް ކަމަށް ބޭންކުން ބުނެއެވެ.

އަދި ބޭންކު ހުޅުވާފައިވާ ގަޑިތަކުގައި، ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމާއި ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމުގެ ހިދުމަތް ދޭނެ އެވެ. ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޗެކުތައް އެދުވަހު ޕްރޮސެސް ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މީގެއިތުރުން އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސް ކުރުމާއި، ލޯކަލް ބޭންކް ޓްރާންސްފަރގެ ހިދުމަތް ވެސް ދިނުމަށް ނިންމާފައިވާއިރު ހެނދުނު 12.00 ގެ ކުރިން ލިބޭ ރިކުއެސްޓް އަދި ޗެކްތައް އެދުވަހު ޕްރޮސެސް ކުރެވޭނެ ކަމަށް ބޭންކުން ބުނެއެވެ.

ބީއެމްއެލް އިން ބުނިގޮތުގައި، އެކައުންޓް އޯޕެނިން ސެންޓަރާއި ލޯނު ސެންޓަރު އަދި ބިޒްނަސް ސެންޓަރުތަކުން ހިދުމަތް ދޭނީ އެޕޮއިންޓްމަންޓަށެވެ. އެގޮތުން، މި ސެންޓަރުތަކުން ހިދުމަތް ހޯދަން ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/book-appointment މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެ އެވެ.