Last Updated: March 29, 16:45
Friday, March 29, 2024
ވިޔަފާރި

ބީއެމްއެލްގެ އެހީގައި ވާދޫގައި ސްކޭޓް ޕާކެއް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ގދ. ވާދޫގައި ސްކޭޓް ޕާކެއް ގާއިމްކޮށް މިއަދު ހުޅުވައިފިއެވެ.

މި ޕާކުގައި ސްކޭޓްކުރާނެ ބަޔަކާއި ކުޑަކުދިންނަށް ބައިވެރިވެވޭނެ ގޮތަށް އިޖްތިމާއީ ހަރާކާތްތަކާއި އިވެންޓްތައް ބޭއްވުމަށް ހާއްސަ ސަރަހައްދެއްވެސް ހިމެނެއެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮޖެކްޓްގެ އަމާޒަކީ ރަށުގެ ކުޑަކުދިންނާއި ޒުވާނުންނަށް ހުސްވަގުތުގައި އާ ހުނަރެއް ދަސްކޮށްދިނުމާއި އެކުވެރި މާހައުލެއް ގާއިމްކޮށް ހެލިފެލިވެ އުޅުން އިތުރު ކުރުމަށް ބާރުއެޅުން ކަމަށެވެ. އަދި މި ރަށުގައި ރާޅާއެޅުމަކީ މަޝްހޫރު ކަމަކަށްވާއިރު މި ރަށުގެ ކުދި ބޮޑު އެންމެންނަށްވެސް މި ޕާކު ބޭނުންކޮށްގެން ރާޅާއެޅުމުގެ ހުނަރު ދަސްކުރެވޭނެެ ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ. އެއީ ސްކޭޓްކުރުމާއި ރާޅާއެޅުމުގައި އެއް ހުނަރު ތަކާއި ވިސްނުން ބަހައްޓަންޖެހޭ ކަންކަން އެއްގޮތްވުމުންނެވެ.

މީގެއިތުރުން ހުވަދު އަތޮޅުގައި ފަތުރުވެރިކަން ތަރައްގީވަމުން އަންނަ ހިނދު ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައްވެސް ހުޅުވިގެންދާނެެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ކޮމިއުނީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި ހުވަދޫ އެސޯސިއޭޝަން ފޯ ޓުއަރިޒަމް (ހެޓް) ގެ ރައީސް އަޙްމަދު ޠާރިޕް މުޙައްމަދު ވިދާޅުވީ މި ސްކޭޓް ޕާކުގެ ސަބަބުން ކުދިންނަށް އިތުރު ހުނަރެއް ދަސްވުން އެއީ އެންމެ މުހިންމު އެއް މަގުސަދު ކަމަށެވެ.

"މި ޕާކާއެކު މުނިފޫހިފިލުވުމާއި ކުޅިވަރުގެ ތެރެއިން ޒުވާނުންގެ މެދުގައި ގުޅުން ބަދަހިވެ އެކަތިގަނޑަކަށް ވުމުގެ ފުރުސަތު ހުޅުވިގެންދާނެ. މި ފުރުސަތުގައި މި މުޖުތަމައަށް ނުހަނު ބޭނުންތެރި މިފަދަ ޕްރޮޖެކްޓަކަށް އެހީތެރިވެދެއްވި ކަމަށްޓަކައި ބީއެމްއެލް އަށް ހާއްސަ ޝުކުރެއް ދަންނަވަން" އޭނާ ވިދާޅުވިއެވެ.

ހެޓްގެ އަމާޒަކީ ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ ފަރާތްތަކާއި ގުޅިގެން ސްކޭޓްކުރުމުގެ ތަމްރީންތައް ދިނުމުގެ އިތުރުން ރައްކާތެރި މާހައުލެއްގައި ތަފާތު ހުނަރު ތަރައްގީ ކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.