Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ޕާކިސްތާނުން ރާއްޖެއަށް 5.9 މިލިއަން ރުފިޔާ ދީފި

ކޮވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ޕާކިސްތާނުން 5.9 މިލިއަން ރުފިޔާ މިއަދު ދީފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ސާކް ކޮވިޑް-19 އިމަޖެންސީ ފަންޑުގެ ދަށުން ޕާކިސްތާނުން ރާއްޖެއަށް 5،958،781.44 ރުފިޔާ (386،432 ޑޮލަރު) ގެ އެހީ ދީފައިވާ ކަމަށެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދަށް ފައިސާ އެހީގެ ރަމްޒީ ޗެކް ދެއްވީ ޕާކިސްތާންއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތަރް މުޚްތާރުއެވެ.

ސާކް ކޮވިޑް-19 އިމަޖެންސީ ފަންޑަކީ މާޗް 2020 ގައި ސާކް ގައުމުތަކުގެ އިސްވެރިން ބޭއްވި ސާކް ހެޑް އޮފް ސްޓޭޓްސް އެންޑް ގަވަމެންޓްސްގެ ވާޗުއަލް ސަމިޓްގައި، ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް އުފައްދާފައިވާ ފަންޑެކެވެ.

ސާކް ގައުމުތަކުގެ މެދުގައި ފައިސާގެ އެހީދެއްވައިގެން އުފައްދާފައިވާ މިފަންޑުގެ ބޭނުމަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ސައުތު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް ދިމާވާ ދަތިތަކާއި ހީނަރުކަމުން އަރައިގަތުމަށް އެ ސަރަހައްދުގެ ގައުމުތަކަށް އެހީވުމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވަނީ މިފަދަ އެހީއެއް ދެއްވި ކަމަށްޓަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދިވެހި ސަރުކާރާއި އަދި ދިވެހި ރައްޔިތުންގެ ނަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންއަށާއި އެގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.