Last Updated: March 28, 18:00
Thursday, March 28, 2024
ވިޔަފާރި

އީދު ބަންދުގައި ބީއެމްއެލް ހުޅުވާނީ ދެ ދުވަހު

އީދު ބަންދުގައި ބީއެމްއެލް ހުޅުވާނެ ދުވަސްތައް އާންމުކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ ކުރިޔަށް އޮތް ސަރުކާރު ބަންދު ދުވަސްތަކުގައި ބޭންކް އޮފް މޯލްޑިވްސް ހުޅުވުމަށް ހަމަޖެހިފައިވަނީ 21 ޖުލައި އަދި 27 ގައި ކަމަށެވެ.

މިދުވަސްތަކުގައި ބޭންކުގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވާފައި ހުންނާނީ ހެނދުނު 08:30 އިން ފެށިގެން މެންދުރުފަހު 2:00 އަށެވެ.

އެގޮތުން މި ދުވަސްތަކުގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމާއި އެހެނިހެން ބޭންކުތަކުގެ ޗެކް ޕްރޮސެސް ކުރުން އެ ދުވަސްތަކުގެ ހެނދުނު 11.00 ގެ ކުރިން ލިބޭ ރިކުއެސްޓް އަދި ޗެކްތައް އެދުވަހު ޕްރޮސެސް ކުރެވޭނެއެވެ.

އަދި ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމާއި ލޯކަލް ބޭންކް ޓްރާންސްފާ ހިދުމަތާއި މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުމުގެ ހިދުމަތް ހެނދުނު 12.00 ގެ ކުރިން ލިބޭ ރިކުއެސްޓް އަދި ޗެކްތައް އެދުވަހު ޕްރޮސެސް ކުރެވޭނެއެވެ.

މި ވަގުތުތަކުގެ ފަހުން ލިބޭ ރިކުއެސްޓް ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވަނީ ދެން ބޭންކު ހުޅުވޭ ދުވަހުގައި ކަމަށް ވެސް ބޭންކުން ބުނެއެވެ.

ބީއެމްއެލްއިން ބުނީ ބޭންކުގެ ހިދުމަތްތައް ހޯއްދެއްވުމަށް ކަސްޓަމަރުންނަށް ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއަށް އެދެވޭނެކަމަށާއި ކިއުބީ އެޕް މެދުވެރިކޮށް ކިއުގައި ތިބި ކަސްޓަމަރުން ގެ އަދަދު ބްރާންޗަށް އައުމުގެކުރިން އޮންލައިންކޮށް ބަލާލެވޭނެކަމަށެވެ. އަދި ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކުގައި ހެނދުނު 8.00 އިން މެންދުރު 12:00 އަށް އެޕް މެދުވެރިކޮށް ޓޯކަން ލިބޭނެއެވެ.

ބީއެމްއެލް އިން ބުނިގޮތުގައި، އެކައުންޓް އޯޕެނިން ސެންޓަރާއި ލޯނު ސެންޓަރު އަދި ބިޒްނަސް ސެންޓަރުތަކުން ހިދުމަތް ދޭނީ އެޕޮއިންޓްމަންޓަށެވެ. އެގޮތުން، މި ސެންޓަރުތަކުން ހިދުމަތް ހޯދަން ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/book-appointment މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެ އެވެ.