Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ނަޝީދުގެ ވާދަވެރިންގެ ބޭނުމަކީ ސަރުކާރަށް ނުކުރެވޭ ކަންކަން ފޮރުވުން

މެމްބަރު އިމްތިޔާޒް ފަހުމީ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ވާދަވެރިންގެ ބޭނުމަކީ ސަރުކާރަށް ނުކުރެވޭ ކަންކަން ފޮރުވުން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަރުކަށި ފިކުރަށް ވާގިވެރިވާ ރާގުތަކަށް މުޅި ހުރިހާ ވާހަކަތަކެއް ބަދަލުކޮށްގެން ކަމުގައި ވިޔަސް، ކޯލިޝަންގައި ތިބި ރައީސް ނަޝީދުގެ ސިޔާސީ ކުރީގެ ބައެއް ވާދަވެރިންނާއި މިިހާރުގެ ބައެއް ވާދަވެރިންގެ ބޭނުމަކީ ސަރުކާރަށް ނުކުރެވޭ އަދި ނުކުރި ކަންކަން ފޮރުވުމާއި ނަޝީދު ޝިކާރަކަށްލުން ކަމަށެވެ.

ހަރުކަށި ފިކުރާއި ހައްދުފަހަނައެޅުމާއި އަދި ރާއްޖޭގައި އަޑީ ދައުލަތެއް އޮތް ކަމުގެ ވާހަކަތައް ނަޝީދު ވަރަށް ބޮޑަށް ދައްކަވަމުންގެންދަވާއިރު ދާދިފަހުން "އަދަދު" ނޫހަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ރާއްޖޭގައި އަޑީ ދައުލަތެއް އޮތްކަމުގެ އެއްވެސް ރިޕޯޓެއް ފުލުހުންގެ ފަރާތުން މިހާތަނަށް ލިބިވަޑައިގެންފައިނުވާ ކަމަށް ވިދާޅުވެފައެވެ.

އަދި ރާއްޖެއަކީ ކުރިއަރަމުން އަންނަ، ތަރައްގީއާއީ ތަހުޒީބާއި ޑިމޮކްރެސީއަށް ލޯބިކުރާ ވެއްޓެއް ގާއިމުވެފައި އޮތް ގައުމެއް ކަމަށާއި، ރާއްޖެ އަފްގާނިސްތާނުގައި އޮތް ޙާލަތަށް ދަތުރުކުރަމުން ވެސް ނުދާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ އެ ވާހަަތަކާ ގުޅިގެން އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންނާއި އަދި އެ ޕާޓީގެ އާންމު މެމްބަރުން ވެސް ވަނީ އޭނާ އަށް ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.

މިދިޔަ މޭ މަހުގެ ހަވަނަ ދުވަހުގެރޭ ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދީފައިވާއިރު އެ ހަމަލާ ގުޅެނީ ހަރުކަށި ފިކުރުގެ މީހުންނާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.