Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ހަސަން،، އިމްރާނަށް: އަޑީ ދައުލަތެއް ނެތް ކަމަށް ބުނެ ބަހަނާ ނުދައްކަވާ

އަޑީ ދައުލަތެއް ނެތް ކަމަށް ބުނެ ބަހަނާ ނުދެއްކެވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް، އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ގޮވާލައިފިއެވެ.

މިނިސްޓަރ އިމްރާން "އަދަދު" ނޫހަށް ދާދިފަހުން ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގައި އަޑީ ދައުލަތެއް އޮތްކަމުގެ އެއްވެސް ރިޕޯޓެއް ފުލުހުންގެ ފަރާތުން މިހާތަނަށް ލިބިވަޑައިގެންފައިނުވާ ކަމަށެވެ. އަދި ރާއްޖެއަކީ ކުރިއަރަމުން އަންނަ، ތަރައްގީއާއީ ތަހުޒީބާއި ޑިމޮކްރެސީއަށް ލޯބިކުރާ ވެއްޓެއް ގާއިމުވެފައި އޮތް ގައުމެއް ކަމަށާއި، ރާއްޖެ އަފްގާނިސްތާނުގައި އޮތް ޙާލަތަށް ދަތުރުކުރަމުން ވެސް ނުދާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަޑީ ދައުލަތެއް ނެތް ކަމަށް ބުނެ ބަހަނާ ދައްކައި، ކުރަންޖެހޭ މަސައްކަތް ނުކޮށް ނުވާ ކަމަކަށް ހަދާލައިގެން ސަރުކާރު އޮވެގެން ނުވާނެ ކަމަށެވެ.

އިމްރާން މިހެން ވިދާޅުވިއިރު ދީނީ ހަރުކަށި ފިކުރުގެ ފަރާތްތަކުން ރާއްޖޭގައި އަނދިރި ދައުލަތެއް ހިންގަމުންދާކަމަށް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ތައްޔާރުކުރި އިންކުއަރީ އަށް މައުލޫމާތު ދެއްވަމުން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ)ގެ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ވަނީ ވިދާޅުވެފައެވެ.

އަދި މިހާލަތުން އަރައި ނުގަނެވިއްޖެނަމަ އަފްޣާނިސްތާނު އޮތް ހާލަތަށް ރާއްޖެ ހިނގައިދާނެކަމުގެ އިންޒާރު ވެސް ޒަކަރިއްޔާ ވަނީ ދެއްވާފައެވެ.

"މިހާލަތުން އަރައި ނުގަނެވިއްޖެނަމަ އަޅުގަނޑުމެންގެ މިޤައުމު އަފްޣާނިސްތާނު އޮތް ހާލަތަށް ދާނެ" ޒަކަރިއްޔާ ވިދާޅުވެފައިވެއެވެ.

މިދިޔަ މޭ މަހުގެ ހަވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދީފައިވާއިރު އެ ހަމަލާ ގުޅެނީ ހަރުކަށި ފިކުރުގެ މީހުންނާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.