Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ނަޝީދަށް ހަމަލާ ދިނީ ފައިސާ ދީގެން ކަމަށް ނުބެލެވޭ: ފުލުހުން

އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު - ފޮޓޯ: ޕޮލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަކީ ފައިސާ ދީގެން ކުރި ކަމެއް ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަބްދުالله ރިޔާޒް ވިދާޅުވީ މިއީ ފައިސާ ދީގެން ކުރުވި ކަމެއް ކަމަށް ނުބެލެވޭ ކަމަށާއި ބޮޑަށް ބެލެވެނީ މިއީ ނަފުރަތާއި އަދާވާތްތެރިކަމާއި ދީނީ ހިޔާލުތަފާތުވުމުގެ ރުޅީގައި ދީފައިވާ ހަމަލާއެއް ކަމަށެވެ.

ނަމަވެސް މިއީ އަދިވެސް ތަހުގީގު ކުރިއަށްދާ މައްސަލައެއް ކަމަށް ވާތީ ފައިސާއާ ގުޅުން ހުރި ކަންކަން ބަލަމުންދާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ހަމަލާ ދިނީ ފައިސާ ދީގެން ކަމަށް ނުބެލެވުނު ނަމަވެސް މި ހަމަލާއާ ގުޅިގެން ސައިކަލް ގަންނަން 18،000ރ. އެޕާޓްމަންޓެއް ކުއްޔަށް ހިފައި ހަރަދުކޮށްފައިވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

މީގެއިތުރުން ރިޔާޒު ވަނީ ނަޝީދަށް ހަމަލާ ދިން މީހުންނާއި، އެމަނިކުފާނަށް ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ ރަށްޓެއްސަކު އޭނާއާ ހިއްސާކުރި މައުލޫމާތުގައި ބުނާ ހަމަލާއާއި އެއްވެސް ގުޅުމެއް ނުވާ ކަމަށްވެސް ވިދާޅުވެފައެވެ.

"މިހާތަނަށް ސީދާ ގޮތުން އެ މައުލޫމާތާއި މި މައްސަލާގައި މި ހަމަލާ ދިން މީހުންގެ އަމަލާ ސީދާ ގޮތުން ގުޅުވޭނެ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ފެނިފައި ނުވާކަން އަޅުގަނޑު ފާހަގަ ކޮށްލަން،" ރިޔާޒް ވިދާޅުވި އެވެ.

ނަޝީދަށް ހަމަލާދީފައިވަނީ އިވެންޓެއްގައި ބައިވެރިވެ ވަޑައިގަތުމަށް އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް ކާރުކޮޅު ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ބާރުގަދަ އެއްޗެއް ގޮއްވާލައިގެންނެވެ.