Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ކުއްލި ނުރައްކާ އިއުލާން ކުރަން އެމްޑީޕީން ފާސްކޮށްފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: އެމްޑީޕީ

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ޓެރަރިސްޓުން ހައްޔަރުކުރުމުގެ ފުރުސަތު ފުލުހުންނަށް ދިނުމަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރު ފާސްކޮށްފިއެވެ.

މި ގަރާރު ފާސްކޮށްފައިވަނީ މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި 43 މެމްބަރުންގެ ތެރެއިން 39 މެމްބަރުންގެ އިއްތިފާގުންނެވެ.

އެމްޑީޕީން މިފަދަ ގަރާރެއް ފާސްކުރިއިރު ގާނޫނު އަސާސީ ބުނާގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ އެކަންޏެވެ. އެގޮތުން މިރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ވަނީ ގަރާރުން ކުއްލި ނުރައްކާ އިއުލާން ކުރުމުގެ ބައި އުނިކުރަން ވެސް ހުށަހަޅާފައެވެ. ނަމަވެސް އާޒިމްގެ އެ ހުށަހެޅުމަށް ވޯޓަށް އަހާފައެއް ނުވެއެވެ.

ނަޝީދު ހުށަހެޅުއްވި އެ ގަރާރުގައި ބުނެފައިވަނީ ރޭ ކޮމިޝަނާ އޮފް ޕޮލިސް އާއި ޕްރޮސެކިއުޓަރ ޖެނެރަލް ދެއްވި މައުލޫމާތުގެ އަލީގައި، ސަރުކާރު އަމަލު ކުރަންވީ ގޮތް ކަމަށް އެމްޑީޕީން ދެކޭގޮތް ހާމަކުރާ ކަމަށެވެ. އެގޮތުން ކުއްލި ނުރައްކާ އިއުލާންކޮށް، ޓެރަރިސްޓުން ހައްޔަރުކުރުމުގެ ފުރުސަތު ފުލުހުންނަށް ދިނުމަށް އެމްޑީޕީން އިގުރާރުވާ ކަމަށް ނަޝީދުގެ އެ ގަރާރުގައި ބުނެފައިވެއެވެ.

މި ގަރާރަށް މިރޭގެ ބައްދަލުވުމުގައި ވާހަކަދެއްކި ހުރިހާ މެމްބަރުން ކަހަލަ ގޮތަކަށް ވަނީ ތާއީދުކޮށްފައެވެ. އަދި ހަރުކަށި ފިކުރު ނުރައްކާ ރާއްޖޭގައި އޮތް މިންވަރު ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން އެނގިގެން ގޮސްފައިވާ ކަމަށާއި ލަސްތަކެއް ނުވެ ފިޔަވަޅުތަކެއް އެޅުމަށް ވެސް މެމްބަރުން ވަނީ ގޮވާލާފައެވެ.

އަދި ގަރާރަށް ބަހުސްކުރެއްވި ބައެއް މެމްބަރުން ވަނީ ގަރާރު ފާސްކުރުމުގެ ކުރިން ބަހެއް ވިދާޅުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފުރުސަތެއް ދެއްވުމަށް ވެސް ގޮވާލާފައެވެ.

މިފަދަ ގަރާރެއް ނަޝީދު ހުށަހެޅުއްވިއިރު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު މިއަދު ފޮނުއްވި މެސެޖުތަކެއްގައި ވަނީ ހޯމް މިނިސްޓްރީ ހިންގުން ރައީސުލްޖުމްހޫރިއްޔާގެ ދަށަށް ގެންނެވުމަށްފަހު ކުއްލި ނުރައްކާ އިއުލާނު ކުރެއްވުމަށް ގޮވާލާފައެވެ.

އަދި އޭގެ ސަބަބުން ދުވަސްކޮޅަކަށް ޓޫރިޒަމަށް އަސަރުކޮށްފާނެ ކަމަށާއި ނަމަވެސް ފަހުން މާ ރަނގަޅުވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ނަޝީދު ވަނީ މިހާރު ފުލުހުންނަށް ޓެރަރިސްޓުންގެ އެކްޓިވް މީހުން ފާހަގަވާނެ ކަމަށާއި އެހެން ނަމަވެސް ގާނޫނުތައް ހުންނަ ގޮތުން އެފަދަ މީހުން ހައްޔަރުކުރަން އުނދަގޫވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަނީ ފުލުހުންނަށް ދެ މަހެއްހާ ދުވަހުގެ ކުއްލި ނުރައްކަލުގެ ޖާގަ ދޭން" ނަޝީދު ވިދާޅުވިއެވެ.